މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 26 މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

ކަސްޓަމްސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސާ ޓްރެއިނީ ބޭނުންވާ ކަމަށެވެ.

އެ މަގާމުގެ މުސާރައަކީ 5،000 ރުފިޔާއެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާ އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.

މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މަގާމުގެ ޝަރުތަކީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓަކުން ފާސްވުމެވެ. ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ވަޒީފާއަށް ހުށަހަޅާނީ ކަސްޓަމްސްގެ ވެބްސައިޓްގައިވާ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރި ކޮށެވެ.