މީގެ ކުރިން އޮތް އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18،053 މުވައްޒަފުން ވައްދާފައިވާ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކްއެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހީމ،ް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ކުންފުނިތަކަށް ނެގީ 4،938 މުވައްޒަފުން ކަމަށެވެ.

އެކި ދުވަސްވަރު ކުންފުނިތަކަށް މީހުން ވައްދާފައިވާ ގޮތުގެ ރިކޯޑުތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ހޯއްދަވައި، މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. ނަމަވެސް 2019 އިން 2023 ވަނަ އަހަރަށް އެ އަދަދު 100 ޕަސެންޓް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 36،729 މުވައްޒަފުން ކުންފުނިތަކުގައި ތިބި ނަމަވެސް 2024 އިން ފެށިގެން މިހާތަނަށް މި ސަރުކާރުގައި ވައްދާފައިވާ 4،938 މުވައްޒަފުންނާ އެކު މިހާރު ތިބި މުވައްޒަފުންގެ އަދަދަކީ 41،667 ކަަމަށެވެ.

ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަށް ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރަން ބޭނުން ނަމަ، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުންފުނިތައް ރައިޓް ސައިޒްކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިި ވަޒީފާ އަދާކުރާ މުވައްޒަފުން، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕަބްލިކްސެކްޓާ މުވައްޒަފުންގެ ގޮތުގައި ރާއްޖޭގެ 53 ޕަސެންޓް ހިމެނޭއިރު އޭގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު އޮތީ ވަރަށް "އަންސްޓްރަކްޗާ" ގޮތެއްގައި ކަމަށެވެ.

އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.