އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް ކަމަށް ހެދިގެން އުޅުނު މީހަކާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް މެސެޖުތަކެއް ބަދަލުކުރައްވައިފިއެވެ.

ޕޮލިޓިކޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މެސެޖުތައް ބަދަލުކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައެވެ.

މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ބާންހަމްއަށް ޝައްކުވެވަޑައިގެން މުއާމަލާތްތައް މެދުކަނޑާލެއްވުމުގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވަނީ މަދު މެސެޖުތަކެކެވެ. އެ މެސެޖުތަކުގައި މުހިންމު އެއްވެސް މައުލޫމާތެއް ހިމެނިފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން އުފެދި، ވޮޝިންޓަންގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީން ވަނީ ވައިޓް ހައުސްގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.

މިކަމާ ގުޅޭގޮތުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެ އޮފީހުން އެއްޗެއް ނުބުނާނެ ކަމަށެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، މި ހާދިސާއާއި ޗީފް އޮފް ސްޓާފްގެ ފޯނު ހެކްކުރުމާ އެއްވެސް ގުޅުމެއް ނެތެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ މެއި މަހުވެސް ވައިލްސް ކަމަށް ހެދިގެން އެމެރިކާގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިންނަށް މެސެޖުކުރި މައްސަލައެއް އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ވަނީ ތަހުގީގުކޮށްފައެވެ.

އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނަށް އޮޅުވާލައިގެން މީގެ ކުރިންވެސް މިފަދަ މުއާމަލާތްތައް ހިންގާފައިވެއެވެ.\

އެގޮތުން 2024 ވަނަ އަހަރު ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ކަމަށް ހެދިގެން އުޅުނު މީހަކާއި، އޭރުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ މެސެޖުތަކެއް ބަދަލުކުރައްވައިފައެވެ. އަދި 2022 ވަނަ އަހަރު ޔޫކްރެއިންގެ ބޮޑުވަޒީރު ކަމަށް ހެދިގެން އުޅުނު ބަޔަކު ވަނީ އޭރުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލަސްއާއި ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓޭލްއަށް އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކޮށްފައެވެ.