ފަނަރަ ދުވަހުގެ ތެރޭގައި ކްލަބު ލެގޫންސްގެ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވަން ސިވިލް ކޯޓުން ކުރި އަމުރު، ހައިކޯޓުން ފަހެއް ނުކޮށްދިނެވެ.

މި މައްސަލައަކީ، ކްލަބް ލެގޫންސްގެ ހިންގާ ކޮމިޓީއަށް 11 މާޗް 2023 ގައި މެންބަރުން އިންތިހާބު ކޮށްފައިވަނިކޮށް، އެ ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް، ހިންގާ ކޮމިޓީގައި ހިމެނޭ ހަތަރު މެންބަރަކު ކޮމިޓީގެ މެންބަރު ކަމުންނާއި ކުލަބްގެ މެންބަރުކަމުން ވަކިކޮށް، ބައި އިލެކްޝަނެއް ބާއްވައި، ހިންގާ ކޮމިޓީއަށް ބަދަލު ގެނެސްފައިވާތީ ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މއ. ނޮޅިވަރަމްގެ އަބްދުލްވާހިދާއި މ. ފަޅުމަތީގެ އަހްމަދު އަލީގެ ފަރާތުން ލެގޫންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ސިވިލްކޯޓަށް ހުށަހެޅި މި މައްސަލައިގައި އެ ކްލަބްގެ ހިިންގާ ގަވާއިދާ ހިލާފަށް ކުލަބްގެ އާންމު މެންބަރުން ވަކިކޮށްފައިވުންވެސް ހިމެނެއެވެ.

މިކަމުގެ ސަބަބުން ހިންގާ ކޮމިޓީގެ އާ ދައުރަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އާންމު މެންބަރުންގެ ޖަލްސާގައި އިންތިހާބުގައި ވާދަކުރުމަށާއި، އިންތިހާބުގައި ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭތީ، ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް ނިންމާފައިވާ އެންމެހާ ނިންމުންތައް ބާތިލުކޮށްދިނުމަށް މި މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ވަނީ އެދިފައެވެ.

މި ދައުވާގެ ލިޔެކިޔުންތައް މިދިޔަ މެއި މަހުގެ 13 ގައި ދައުވާ ލިބޭ ކުލަބްގެ ރައީސް އިބްރާހިމް މަމްނޫނަށް ކޯޓުން ރައްދުކުރިއެވެ.

އެހެންކަމުން ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފެއްްދުމަށާއި، ދައުވާ ދިފާއުކުރުން ހިމެނޭހެން ދައުވާއަށް ރައްދު ދިނުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މެއި 13 އިން ފެށިގެން 14 ދުވަހުގެ މުއްދަތެއް އެ ފަރާތަށް ލިބޭނެއެވެ.

ނަމަވެސް މައްސަލަ ދިރާސާކޮށް ދިފާއު ހުށަހެޅުމަށް ދިން ވަގުތު އިތުރުކޮށްދީގެންވެސް ކޯޓުން ދިން ހުއްދައާ އެއްގޮތަށް އެ ފަރާތުން ދައުވާއަށް ދިފާއު ހުށަހަޅާފައެއް ނުވެއެވެ.

ކޯޓުގެ ހުއްދައާ ނުލައި، ކޯޓުން ދިން މުއްދަތު ހަމަވިފަހުން ދައުވާގެ ދިފާއު ފޯމު ލެގޫންސްގެ ފަރާތުން ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ނުގަތުމަށް ދައުވާކުރާ ފަރާތުގެ އިއުތިރާޒެއް އޮތްތޯ ކޯޓުން ބަލަންޖެހެއެވެ.

އެގޮތަށް ބެލުމުން ދައުވާކުރާ ފަރާތުން ބުނެފައިވަނީ ދިފާއު ހުށަހަޅަން ހުއްދަކޮށްފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވާތީ، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ދިފާއު ފޯމު ބަަލައިގަތުމާ މެދު އިއުތިރާޒު ކުރާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ކޯޓު އަމުރަށް އެދޭ ފޯމުވެސް އެ ފަރާތުން ހުށަހެޅިއެވެ.

އެހެންކަމުން މި މައްސަލައިގައި ދައުވާ ލިބޭ ކުލަބްގެ ރައީސް އިބްރާހިމް މަމްނޫންގެ ގައިރު ހާޒިރުގައި 17 ޖޫންގައި ސިވިލް ކޯޓުން ހުކުމް ކުރީ، ކުލަބުގެ ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށްބުނެ އެ ކުލަބުގެ ފަރާތުން 19 އޯގަސްޓް 2025 ގައި ވައިބާ މެދުވެރިކޮށް ބޭއްވި އިންތިހާބަކީ ހިންގާ ގަވާއިދާ ހިލާފަށް ބާއްވާފައިވާ އިންތިހާބަކަށްވާތީ އެއީ ބާތިލު އިންތިހާބެއް ކަމަށެވެ.

ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށް ނިންމާފައިވަނީ ހިންގާ ގަވާއިދުގައި ބުނާ އިޖުރާއަތް ފުރިހަމަކުރުމާ ނުލައި ކަމަށްވާތީ، ޖެނެރަލް ސެކްރެޓަރީގެ މަގާމުން އަހްމަދު އަހްލަމް އިސްތިއުފާ ދީފައިވާ ކަމަށް ބަލައި ހިންގާ ކޮމިޓީ އާއި ކުލަބްގެ މެންބަރުކަމުން އޭނާ ވަކިވެފައިވާ ކަމަށް ނިންމާފައިވާ ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމުން، މުހައްމަދު ޝަރީފާއި ރާމިޒް އިބްރާހިިމް، އިސްތިއުފާދީފައިވާ ކަމަށް ބަލައި އެ މީހުން ހިންގާ ކޮމިޓީގެ މެންބަރުކަމާއި ކުލަބްގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމާފައިވަ ނިންމުންވެސް ވަނީ ބާތިލުކޮށްފައެވެ.

އޭގެ އިތުރުން ވައިބާ މެދުވެރިކޮށް ކުރިއަށްގެންދިޔަ އިންތިހާބުގައި ހިންގާ ކޮމިޓީގެ ޖެެނެރަލް ސެކްރެޓަރީ އަކަށް އިބްރާހިމް ލަތީފް އައްޔަންކުރަން ނިންމި ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމަށް ހަސަން ސުނާން އާއި ހަސަން އިހްސާން އައްޔަންކުރަން ނިންމި ނިންމުމަކީ، ގާނޫނާހިލާފު ނިންމުންތަކެއް ކަަމަށްވެސް ކަނޑައަޅައިފައެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނީގޮތުން ސައްހަ ހިންގާ ކޮމިޓީއަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީ ކަމަށެވެ. އެހެންކަމުން ހިންގާ ކޮމިޓީއަށް ގެނައި ބަދަލު ބާތިލުކޮށް އެކަން އިސްލާހުކޮށް ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ފޮނުވުމަށް ލެގޫންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އަދި ކްލަބްގެ އާންމު މެންބަރުކަމުން އަހްމަދު އަލީ އާއި އަބްދުލް ވާހިދު ވަކިކޮށްފައި ވަނީ، ހންގާ ގަވާއިދާ ހިލާފަށް ކަަމަށް ކަނޑައަޅައި ހިންގާ ގަވާއިދާ ހިލާފަށް ހިންގާ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ބަދަލު ގެނެސްފައިވާ ކަމަށްބުނެ ބަލައި ނުގަތުމަށް ނިންމާފައިވާ މެންބަޝިޕް ފޯމުތައް ބަލައިގަތުމަށްވެސް ކުލަބުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކުލަބުގެ އާންމު މެންބަރުން ވަކިކުރުމަށް ނިންމާފައިވާ އެންމެހާ ނިންމުންތަކަކީ ހިންގާ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާތިލުކުރުމަށާއި، އެކި ގޮތްގޮތުން ކުލަބަށް ލިބޭ އާމްދަނީ އާއި ހަރަދުތައް ހިންގާ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދަން ކޯޓު ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.

ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް، ހިންގާ ކޮމިޓީގެ އާ އިންތިހާބު ކުރިއަށް ގެންދިއުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިއުމަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ޒިންމާއެއް ކަަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމާ ހަމައަށް އެ ތާރީހުގެ ނިޔަލަށް ކްލަބްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި، ކްލަބް އުފެދުނުއިރު ކްލަބްގެ ދަފްތަރުގައި ތިބި 89 މެންބަރުން ހިމެނޭހެން މެންބަރުންގެ ދަފްތަރެއް އެކުލަވާލައި، ގިނަވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުުގެ ދަށުން އިންތިހާބު ބާއްވައި ނިންމުމަށްފަހު އެކަން ދަފްތަރު ކުރުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށްވެސް ވަނީ މިދިޔަ ޖޫން މަހުގެ 17 ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި އަމުރުކޮށްފައެވެ.

ނަމަވެސް ކްލަބްގެ ގައިރު ހާޒިރުގައި ކޮށްފައިވާ މި ހުކުމް ބާތިލުކޮށްދިނުމަށް، ނުވަތަ ހުކުމް ބަދަލުކޮށްދިނުމަށް އެދި، މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ލެގޫންސް ސްޕޯޓްސް ކުލަބުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.

މި ހުށަހެޅުމާ ގުޅިގެންވެސް ސިވިލް ކޯޓުން ހުކުމް ކުރީ، ލެގޫންސް ސްޕޯޓްސް ކުލަބުން ހުކުމް ބަދަލުކުރުމަށް އެދި ހުށަހަަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ ހުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ކުރިން ކޮށްފައިވާ ހުކުމްގައިވާގޮތަށް އަމަލުކޮށް 15 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި އެކަން ދަފްތަރު ކުރުމަށް ހުށަހަޅަން އަނެއްކާވެސް އަމުރުކުރިއެވެ.

ލެގޫންސް ސްޕޯޓްސް ކުލަބުން ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓުގެ އިސްތިއުނާފަށެވެ. އަދި އިސްތިއުނާފް މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން މި މައްސަލައިގައި ސިވިލް ކޯޓުން ފުރަތަމަ ކުރި ހުުކުމާއި އެ ހުކުމް ދެމެހެއްޓުމަށް އޭގެ ފަހުން ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރެއް ނެރުމަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް ހައިކޯޓުން ނިންމީ، ސިވިލްކޯޓުން ފުރަތަމަ ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ސިވިލްކޯޓުން ފަހުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަަމަށެވެ.