ފްރާންސްގެ ސީޒަން ހުޅުވާ މެޗު، ފްރެންޗް ސުޕަ ކަޕްގައި އެންމެފަހުގެ ލީގު އަދި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ފްރާންސްގެ ކަޕް ޗެމްޕިއަން ލޯންސް އަތްދަށުވެއްޖެއެވެ.
ރޭ ސްޓޭޑް ބޮލައާޓް-ޑެލެލިސްގައި ކުޅުނު މެޗުގައި ލޯންސުން ޕީއެސްޖީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ޕީއެސްޖީން ނުކުތީ ބައެއް މުހިއްމު ކުޅުންތެރިންނާ ނުލައެވެ. އެގޮތުން މެދުތެރެއިން ޖާއޯ ނެވޭސްއާއި ފަބިއަން ރުއިޒްވެސް މެޗު ފަށާފައި ނުވާ އިރު، އުސްމާން ޑެމްބެލޭއާއި ނޫނޯ މެންޑޭޒްވެސް މެޗަށް ނުކުތީ ދެވަނަ ހާފަށެވެ.
އޭގެ އިތުރުން ކެޕްޓަން މާކީނިއޯސްވެސް މެޗު ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ލޯންސުން ލީޑު ނެގިއެވެ. ފްލޯރިއަން ތައުވީން އެޓީމަށް ލީޑު ނަގައިދިނީ މަތިއު އުޑޯލް ފައިގައި ރަނގަޅަށް ލައްވާނުލައި ދިޔަ ބޯޅަ ގޯލަށް އަމާޒުކޮށްލައިގެންނެވެ.
އޭގެ އިރުކޮޅެއް ފަހުން، 39 ވަނަ މިނެޓުގައި ލޯންސްގެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ކިލިއަން އެންޓޯނިއޯ އަށް ދެއްކި ރަތް ކާޑާއެކު ލޯންސްއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، ޕީއެސްޖީއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ޕީއެސްޖީއަށް ދެވަނަ ހާފުގައި ބަދަލަކަށް ނުކުތް މެންޑޭޒްއަށްވެސް މެޗުގައި ރަތް ކާޑު ދައްކާފައިވާ އިރު، ރޭގެ މެޗުގައި ބްރެޑްލީ ބާކޯލާ ފެނިގެން ގޮސްފައެއް ނުވެއެވެ. ބާކޯލާ ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކުރާ ކަމަށް އަޑު ފެތުރިފައިވާ އިރު، އަލަށް ޓީމާ ގުޅުނު ފެރާން ޓޮރޭސްވެސް މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ކޮމެންޓް