ވިލިމާލެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

16 އޯގަސްޓް 2026، ވިލިމާލެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ވިލިމާލެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 1.1 ހެކްޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި 150 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 181 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުމުގެ މަސައްކަތް ހިމެނެއެވެ.

ވިލިމާލެ ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 3698 ކިއުބިކް މީޓަރުގެ ވެލި ބަނދަރު ތެރެ އަދި ނެރު ފުންކުރުމާއި، ރޭމްޕާއި ސިޑި ހިމެނޭހެން 74 މީޓަރުގެ އެއްގަމު ވާޓަރު ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ތިން މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި 24 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އަދި 74 މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.