އަންނަ އަހަރު ތަފާތުވާނެ ކަމަށާއި ސޮއިކުރެވިފައިވާ މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓު ނިންމައި އަންނަ އަހަރު ރައްޔިތުންނާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފައިސާގެ ދަތިކަމާ ގުޅިގެން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި ދަރަނި ދެއްކުމަށް ފައިސާ ހާއްސަކުރަން ޖެހުމުން ރައްޔިތުންނަށް ބުރަ ކުޑަކުރުމުގެ ގޮތުން މަޝްރޫއުތައް މަޑުޖައްސައިލެއްވީ ކަމަށް ވިދާޅުވިއެވެ.
"މިއަންނަ އަހަރަކީ ތަފާތު އަހަރެއް. މިއަންނަ އަހަރު ޕްލޭންކޮށްފައި މިއޮތީ، މިއަންނަ އަހަރު ބަޖެޓަކީ ޕްރޮޖެކްޓްސް ޑެލިވާ ކުރާ އަހަރު. މިއަންނަ އަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ މި ގޮތަށް ހުރި ހުރިހާ މަޝްރޫއެއް، މިހާރު ސައިންޑް ޕްރޮޖެކްސްޓްގެ ތެރެއިން މަދުވެގެން 70 ޕަސެންޓް މަޝްރޫއުތައް އެއްކޮށް ނިންމައި މި އަންނަ އަހަރުގެ ކުރިން ޑެލިވާ ކުރާނަން. އެއީ އަޅުގަނޑުމެންގެ ޓާގެޓަކީ. މި އަހަރަކީ ލޯނު ދެއްކުމުގެ އަހަރު. މި އަންނަ އަހަރަކީ މަސައްކަތްތައް ނިންމައި ރައްޔިތުންނާ ހަވާލުކުރާ އަހަރު،" ރައީސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ތިން ގުނަ ބޮޑު ޑްރެޖަރެއް އަންނަ މާޗު މަހު ރާއްޖެ ގެނެވޭނެ ކަމަށާއި، އޭގެ ފައިސާ މިހާރު ދައްކައި ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ބޮޑުހިލަ ބަލްކުކޮށް ގެންނަން ފެށުމާއެކު އެމްޓީސީސީގެ ގާބިލުކަން ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި، ގިނަ ރަށްރަށުގައި އެއްފަހަރާ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިގުތިސާދީ ތަރައްގީއާ ގުޅޭގޮތުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް ކުރު މުއްދަތެއްގެ ތެރޭގައި ހުޅުވައި ނިންމާލެވުނު ކަމަށާއި ހަނިމާދޫ އެއާޕޯޓު ވެސް ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ. ތިލަފުށީ ޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ ހަ ގުނަ ބޮޑު ސަރަހައްދަކަށް ބަދަލުވެގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު ތެރޭގައި ހުޅުވާނެ ކަމަށެވެ.
މިހާރު މަސައްކަތްތައް ކުރިއަށްގެންދާ ހުރިހާ އެއާޕޯޓެއް 2028 ގެ މެދެއްހާ ހިސާބަށް ނިންމައި ހުޅުވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް