އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަނުގައި އިހުތިސާސުން ވަކި ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަަށައިފިއެވެ.
ސ. މީދޫ، ބިނާ، އަހްމަދު ޝާތިރު، މަޖިލިސް ސައިޓްގައި ސޮއިކުރަން ހުޅުވާލާފައިވާ މި އީ ޕެޓިޝަންގައި މިހާތަަނަށް 822 މީހުން ވަނީ ސޮއިކޮށްފައެވެ.
މި ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާހެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހު ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް މި ޕެޓިޝަންގައި ވަނީ ގޮވާލައިފައެވެ.
ޕެޓިޝަންގައި ބުނެފައިވަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ބާތިލު އަސާސްތަކެއް މައްޗަށް ބިނާކޮށްފައިވާ ވުޖޫދުގައި ނުވާ ވާހަކަތަކެއް ކަމަށެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ހިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހު ފާސްކުރި ނަމަވެސް ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ އިހުތިސާސްގައިވާ ބިންތައް ކައުންސިލުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތިން ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށާއި، ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ މުހިންމު އިސްލާހަކަށް ވާތީ ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް އެ ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.
މި އިސްލާހު އޮތްގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވާލާފައި މިވަނީ، އެ އިސްލާހު އަނބުރާ ގެންދަން ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަންޖެހޭ ވަަރަށް 2307 މީހުން ސޮއިކޮށްފައި ވަނިކޮށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް