ދޭހާސް ސައުވީސް ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރަށް އިންސާފު ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަދި މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް (ރިޓަޔާޑް) އިބްރާހިމް އަދުނާނު އަނީސް ވިދާޅުވެއްޖެއެވެ.
ވިފާގުގެ މަރާ ގުޅޭގޮތުން "ޗެނަލް 13" އިން ގެނެސްދިން ރިޕޯޓެއްގައި ފުލުހަށާއި އޭނާގެ މަންމައަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި އެ ރިޕޯޓުގައި ވިފާގުގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއަށް ނާޒިމް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
މީގެ އިތުރުން ވިފާގުގެ ވަރަށް ޒާތީ މައުލޫމާތުވެސް ފުލުހުން އޭރު ހިއްސާކުރިއެވެ. އަދި ފަހުން އެކަމަށް މައާފަށްވެސް އެދުނެވެ.
ވިފާގުގެ ބައްޕަ އަދުނާން ފޭސްބުކްގައި ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިފާގު މަރުވި ހާދިސާގައި ކަން ހިނގައިގެން ދިޔަ ގޮތުން ޝައްކު އުފެދޭ ގިނަ ކަންކަން ހުރި އިރު އިންސާފު ލިބުން ލަސްވެއްޖެ ކަމަށެވެ.
"ތުހުމަތު ކުރެވޭ މީހުން ތިބީ ސިޔާސީ ގޮތުން މަގާމުގެ ނާޖާއިޒު ބާރު ބޭނުން ކޮށްގެން ސިޔާސީ ނާޗަރަންގީގަ ގާނޫންތަކަށް ގޮންޖަހާފައި އުފަލުގައި. އިންސާފު ހޯދުމަކީ ގާނޫނުތަކުގެ ބާރު ކަނޑުވައިގެން ކަނޑުގެ އުސޫލުން ހިނގާ ކަމަކަށް ވެއްޖެނަމަ، އެއީ ނުރައްކަލެއްގެ ފެށުން. ބޮޑު މަގާމުގައި ހުރުމަކީ ތިމާ ހިންގާފައި ހުރި ބޮޑެތި ޖަރީމާތަކުން ރެކިގަތުމަށް ލިބޭ ލައިސަންސެއް ނޫންކަން ހަނދާން ކުރަން ޖެހޭ،" އަދުނާނު ވިދާޅުވިއެވެ.
އަދުނާނު ވަނީ ވިފާގަށް އިންސާފު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އާއިލާ އޮތީ އިންސާފުގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް