މާފަންނު ގެއެއް ބަަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރީ މ. ސޭންޑީހޮލޯ، އަބްދުﷲ އިނާޒް 37އ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އިނާޒު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނީ 515.11 ގުރާމް ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި އިނާޒުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.