މިދިޔަ މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ އަދި ބޭނުންކުރެވޭ ރިޒާވް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 638.03 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 48.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 686.8 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ޖުލައި މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 221.87 މިލިއަން ޑޮލަރެވެ. މިއީ ޖޫން މަހާ އަޅައި ބަލާއިރު 27 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ޖޫން މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 248.9 މިލިއަން ޑޮލަރެވެ.

މި އަހަރުގެ މާޗް މަހު 1,331.8 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، މިހާރު 638.03 މިލިއަން ޑޮލަރަށް ދަށްވެފައިވާ އިރު، މީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ އޭޕްރީލް މަހު ދެއްކި ދަރަނިތަކުގެ ސަބަބުންނެވެ. އެގޮތުން އޭޕްރީލް މަހު ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ހަލާސްކޮށްފައިވެއެވެ.

މި ދަރަނި އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކާފައިވެއެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބެވެ.