މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މިރޭ ބުނީ މާލެ، ބޮޑު ރަސްގެފާނު މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 8:41 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ފަހިވައިގޭ ހަތް ވަނަ ފަންގިފިލާގައެވެ.

ފުލުހުން ބުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް އެ ފުލުސް މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.