ޔޫރަޕް ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާއާއި އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާ ފުޓުބޯޅައިގެ އިދާރާ ކޮންކެކަފް އެކުވެގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ނެރުނު ބަޔާނާއެކު، ގަތަރުން އެކަމުގައި ނުރުހުން ފާޅުކޮށްފިއެވެ.

އިންފަންޓީނޯ ފީފާއަށް ގެންނަވަން އުޅުއްވި ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ޕްލޭން ފެއިލްވެ، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ ޕްލޭނަކީ ފީފާ މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށެވެ.

އެ ޕްލޭންގެ ދަށުން ވޯލްޑް ކަޕްގެ ހިއްސާވެސް ވިއްކޭނެ ގޮތަށް އޮތް އިރު، އެއީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ. ޕްލޭންގެ ދަށުން ފީފާއަށް އެއް ފަހަރާ 4.2 ބިލިއަން ޑޮލަރު އިންވެސްޓަރުން އަތުން ހޯދައި، ގައުމުތަކަށް ބަހަން އިންފަންޓީނޯ ވަނީ މަސައްކަތް ކޮށްފައެވެ.

އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބަޔާން ނެރުނު ތިން ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން ޔޫއެފާއިން ވަނީ ފީފާ ބޮއިކްޓްކުރުމަށްވެސް ގޮވާލައިފައެވެ.

ގަތަރުން ބުނެފައި ވަނީ އެވަރުގެ ބޮޑު ނިންމުމެއް ނިންމައި، އޭއެެފްސީން އިތުރު ދެ ސަރަހައްދެއްގެ ފުޓުބޯޅަ އިދާރާ އެކުވެގެން ބަޔާން ނެރުނުއިރު، އެގައުމުގެ ފުޓުބޯޅަ އިދާރާއާއެކު ވާހަކަވެސް ދައްކާފައި ނުވާ ކަމަށެވެ.

"އެކުވެ މަޝްވަރާ ކުރެވިގެން ނޫނީ އެކަހަލަ ބޮޑެތި ނިންމުންތައް ނިންމިގެން ނުވާނެ. ކުއްލިއަކަށް ފާސްކުރާ ގަރާރަކުން ކަންކަން ކުރުން އެއީ އުސޫލުން ބޭރު ގޮތެއް،" ގަތަރުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް، ހަމަދު ބިން ހަލީފާ އަލް ސާނީ، އޭއެފްސީ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ އެ ނިންމުން ނިންމަން ލަފާ ހޯދީ ކޮން ފަރާތްތަކަކުންކަން ފެންނަން ޖެހޭ ކަމަށާއި، އެއީ ކޮން ކަމަކަށް ބަލައި ނިންމި ނިންމުމެއްކަންވެސް ބުނެދޭން ޖެހޭ ކަމަށެވެ.

ގަތަރުން އޭއެފްސީއާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައި ވަނީ އަރަބި ގައުމުތައް އެކުވެ، އިންފަންޓީނޯއަށް ތާއުދު އޮތްކަން ހާމަކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. އެގޮތުން ގަތަރުވެސް ހިމެނޭހެން، އެ ލިސްޓްގައި 2030 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާ އެއް ގައުމު މޮރޮކޯވެސް ހިމެނެއެވެ.