މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގައި އެ ކުންފުނީގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުން ކަމަށްވާ ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ.

13 އޯގަސްޓް 2026، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެމްޕީއެލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ތިލަފުށީ ބަނދަރުން ވީހާވެސް އަވަހަށް މުދާ ކްލިއަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން އެފަރާތްތަކުގެ ހިޔާލުތައް ހިއްސާކޮށްފައި ކަމަށެވެ. އެމްޕީއެލްގެ އަމާޒަކީ ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ބައްޓަންކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލުން ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިން އެޖެންޓުންގެ އިތުރުން އެއާލައިން އެޖެންޓުންނާއި ފްރައިޓް ފޯވަޑަރުންނާވެސް މީގެ ކުރިން ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށްވެސް ރޭވިފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

13 އޯގަސްޓް 2026، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެމްޕީއެލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މި ބަނދަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ.

މި ބަނދަރު ތަރައްގީވެގެންދާނީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް އެމްޕީއެލުން ބުނެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރަކީ، ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މާސްޓާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރެވޭ ތަނެކެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމެއްގައި ރައީސް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ 80 ޕަސަންޓް އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރާނެއެވެ.