ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް "ނަނާ ހުވަފެން ދުށީމޭ" ޅެންބައިތު ހިއްސާކުރައްވައި ފާޑުވިދާޅުވެއްޖެއެވެ.

މި ޕޯސްޓަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ނިސްބަތްކުރައްވައި، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ސިޔާސީ އުންމީދުތަކަށް ނުސީދާކޮށް އިޝާރާތްކުރައްވައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެކެވެ. މިއީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ ދަނޑިވަޅެއްގައި ހިނގައިދިޔަ ކަމެކެވެ.

ހުސައިން ސަލާހުއްދީން ހައްދަވައި، ނައިފަރު ދޮހޮއްކޮ ކިޔުއްވާފައިވާ "ނަނާ ހުވަފެން ދުށީމޭ" މި ޅެމަކީ ދިވެހި އަދަބިއްޔާތުގައި މަޝްހޫރު ޅެމެކެވެ. ރައީސް ނަޝީދު ވަނީ މި ޅެމުގެ މުޅި ބައިތުތައް އެކީގައި އެކްސްގައި ނަކަލުކުރައްވައި ހިއްސާކުރައްވައިފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ސިޔާސީ ތަފާތު ކަންކަމުގައި ދިވެހި އަދަބީ ޅެންތަކާއި ރައިވަރު ބޭނުންކުރައްވައިގެން ހިޔާލު ފާޅުކުރައްވައިފައެވެ. މި ޕޯސްޓާއެކު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެގެން ދިޔައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ އިރު، ޕާޓީގެ އެތެރޭގައި ދެ ބޭފުޅުންގެ މެދުގައި ވަނީ ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރެއްވުމަށް ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ތަފާތު ހިޔާލުތައް އުފެދިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ނިންމެވީ އިއްޔެ އެ މަނިކުފާނުގެ ގާތް އެމްޑީޕީގެ ޓީމަކާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ.

މީގެ އިތުރުންވެސް ބައެއް އެހެން ބޭފުޅުން އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަސް އަދި އިއުލާނުކޮށްފައިނުވާއިރު އެނގިފައިވާ ގޮތުގައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމަށެވެ.