މާލޭގެ ޕާކުތަކާއި އާންމު އެހެނިހެން ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވައި، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލަ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. ޒާޔާގެ ހުށަހެޅުމުގައި ބާރުއަޅުއްވާފައިވަނީ، އާންމު ތަންތަނުގައި ދުންފަތުގެ ދުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށާއި، މިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެންގުމަށެވެ.

ޒާޔާ ވިދާޅުވީ، ކުޑަކުދިން ގޮވައިގެން ހިތްފަސޭހަކޮށްލަންދާ ޕާކުތަކުގައި، އެ ކުދިންގެ ގާތުގައި ތިބެ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލައިގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. މިއީ ސިއްހީ ގޮތުން ކުޑަކުދިންނަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާގުން ވަނީ ތާއީދުކޮށް، ފާސްކޮށްފައެވެ.