އއ. މަތިވެރި ކައުންސިލުން އެ ރަށު ފަޅުތެރޭގައި އޮންނަ "މަތިވެރި ފިނޮޅު" ބެލެހެއްޓުމާއި، އެތަނުން ރަށަށް އާމްދަނީ ހޯދުމަށްޓަކައި އާ އުސޫލެއް އެކުލަވާލައި އެތަނަށް އަރާ މީހުންގެ އަތުން ފީ ނަގަން ފަށައިފިއެވެ.
މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، ފިނޮޅަށް ޒިޔާރަތްކުރާ މީހުން އަތުން ފީ ނަގަނީ އެކި ގިންތިތަކަށް ބަހާލައިގެންނެވެ. އެގޮތުން މަތިވެރީގެ ރައްޔިތުންނާއި އެ ރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން 10 ރުފިޔާ ނަގާއިރު، ރަށުން ބޭރުން އަންނަ ދިވެހިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 25 ރުފިޔާއެވެ.
ފަތުރުވެރިންގެ އަތުން ފީ ނެގުމަށް ހަމަޖެހިފައިވަނީ ގެސްޓްހައުސްތަކުން އަންނަ ނަމަ 50 ރުފިޔާ، އަދި ރިސޯޓުތަކާއި ސަފާރީތަކުން އަންނަ ނަމަ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް މި ފީ ދައްކާކަށް ނުޖެހޭނެއެވެ.
ކައުންސިލުން އެކުލަވާލި މި އުސޫލުގައިވާ ގޮތުން ކޮންމެ ހޮނިހިރު ދުވަހަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ދުވަހެކެވެ. އެހެންކަމުން ހޮނިހިރު ދުވަސްތަކުގައި ފަތުރުވެރިން ފިނޮޅަށް އެރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، ވިޔަފާރި އުސޫލުން ފިނޮޅު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
- ގެސްޓްހައުސްތަކަށް (50 މީހުންނަށް): 2,000 ރުފިޔާ
- ރިސޯޓުތަކަށް (150 މީހުންނަށް): 15,000 ރުފިޔާ
- ދިވެހިންނަށް ހާއްސަ ހަފްލާތަކަށް: 8,000 ރުފިޔާ
- ރިސޯޓުތަކާއި ސަފާރީތަކުން ބާއްވާ ހަފްލާތަކަށް: 15,000 ރުފިޔާ
މިގޮތަށް ވަކި ހަފްލާތަކަކަށް ފިނޮޅު ކުއްޔަށް ދޫކުރާ ވަގުތުތަކުގައި އެހެން މީހުންނަށް އެތަނަށް އެރުން މަނާވާނެއެވެ. އަދި ކައުންސިލުން ކަނޑައަޅާފައިވާ މި އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކުރިން އަމިއްލަ ކުންފުންޏަކަށް ރިސޯޓު ހަދަން ދޫކޮށްފައި އޮތް މި ފިނޮޅު، އަލުން މަތިވެރި ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ބަދަލުކުރީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރުގައެވެ.
މުހައްމަދު އިޝާން
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި
ކޮމެންޓް