މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދުން އަރުވައިގެން މަސް ކެއްކުމާއި ރިހާކުރު ހެދުން ފަދަ މަސައްކަތްތައް ކުރާތީ ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށްޓަކައި، އެފަދަ މަސައްކަތްތަކަށް ހާއްސަ ޒޯނެއް ކަނޑައެޅުމުގެ ދިރާސާ މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ ރަސްމީ ޖަލްސާގައެވެ. މި ހުށަހެޅުން މަޖިލީހަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ވިދާޅުވީ، މާލޭގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި މަސް ކެއްކުމާއި ހަވާދު މުގުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މާލެއަކީ މިހާރު ތޮއްޖެހިފައިވާ ތަނަކަށްވެފައި، ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެން މި މަސައްކަތް ކުރުމަކީ އަވަށްޓެރިންނަށް ބޮޑެތި އުނދަގޫތަކެއްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރާ ފަރާތްތަކުންވެސް އެދެނީ އާންމުންނަށް އުނދަގޫ ނުވާނެ ފަދަ އެހެން ގޮތެއް ކައުންސިލުން ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން، އިގްތިސޯދީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތެރި މަސައްކަތްތައް ހުއްޓުވާލުމުގެ ބަދަލުގައި، އެކަމަށް އެކަށީގެންވާ ރައްކާތެރި ސަރަހައްދެއް ފަހިކޮށްދިނުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލޭގައި ހުރި އިންޑަސްޓްރިއަލް ޒޯންތައް މިހާރު އެކި ބޭނުންތަކަށް ސަރުކާރުން ނަގާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ސަރަހައްދު ސަރުކާރުން ނަގާފައިވާއިރު، ވިލިމާލޭގެ ސަރަހައްދު ބޭނުންކުރަނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ، މިފަދަ މަސައްކަތްތަކަށް ބިންތައް ކަނޑައަޅައި، އެ ތަންތަން ސިޓީ ކައުންސިލާ ހަވާލުކުރެވިއްޖެ ނަމަ، އާންމުންނަށް ދިމާވާ މިފަދަ ދަތިތަކަށް މާ ރަނގަޅު ހައްލެއް ހޯދައިދެވޭނެ ކަމަށެވެ. އަދި ތިލަފުއްޓަކީ ވެސް މިފަދަ ކަންކަމަށް ބޭނުންކުރެވިދާނެ ތަނެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ ޖަލްސާއިން ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެކަމާ ގުޅޭ ދިރާސާތައް ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކޮމިޓީއަށް ފޮނުވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ކްރިމިނަލް ކޯޓް
މާލެ
ކޮމެންޓް