ހަފުތާއެއްގެ ތެރޭގައި 17 މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ ހަފުތާގައި އަލަށް 17 މީހަކަށް އެ ބަލި ޖެހިފައިވެއެވެ. މިއީ އޭގެ ކުރީ ހަފުތާގައި ރިޕޯޓްކުރި 13 ކޭސްއާ އަޅާބަލާއިރު އިތުރުވުމެއްކަމަށް ތަފާސްހިސާބުގައިވެއެވެ. މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 216 އަށް އަރާފައެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މި ބަލި ދަނީ ފެންނަމުންނެވެ.

ނަމަވެސް މިހާރުގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ، ދިވެހިންގެ ތެރޭގައިވެސް ބަލި ފެތުރެން ފެށުމާ ގުޅިގެންނެވެ. މި ބަލި ރާއްޖޭގައި ފެތުރެމުންދާތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

.ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ފަށާފައިވާ ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 14,701 މީހަކަށް ވަނީ ވެކްސިން ދީފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

  • ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިއުން.
  • ބަލީގެ އަލާމާތެއް ހުރި ނަމަ، މާސްކު އެޅުމާއި، ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން.
  • ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ހުރުން.ބަލީގެ އަލާމާތްތައް ފެންނަ ނަމަ، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.