މިދިޔަ ހަތް މަސް ދުވަހުގެ މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 1,140 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 1,875 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަށް މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން ހައްޔަރުކުރި ސަރަހައްދުތައް

  • މާލެ ސަރަހައްދުން 760
  • ސަދަން ޕޮލިސް ސަރަހައްދުން 530
  • ނޮދަން ޕޮލިސް ސަރަހައްދުން 570

މުސްލިމް ވިދާޅުވީ، އެ މުއްދަތުގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި 1,856 ފުޅި ބަނގުރާ އަތުލައިގަނެފައިވެއެވެ.

މީގެ އިތުރުން އެ މުއްދަތުގައި މަސްތުވާތަކެތީގެ 1,533 މައްސަލައެއް ފުލުހުން ތަހުގީގުކޮށް، މާލެ ސަރަހައްދުން ތަހުގީގުކުރި 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު މުޅިން ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މުސްލިމް ވިދާޅުވިއެވެ.