ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ގޭންގު މާރާމާރީއެއްގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފަލާހު މިނިސްޓަރާ ސުވާލު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުން ގޭންގު ކުށްތައް ހުއްޓުވުުގެ ގާނޫނެއް ފާސްކޮށްފައިވާ އިރު ގޭންގު ކުށްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމުގެ ނަތީޖާއާ ބެހޭގޮތުންނެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހުން އެފަދަ ގާނޫނެއް ފާސްކޮށް ފުލުހުންނަށް އެކަންކަން ހުއްޓުވުމުގެ އިހުތިޔާރާއި ބާރު ދިނުމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

"ވަރަށް ޝުކުރުވެރިިކަމާއެކު އަޅުގަނޑު ފާހަގަކުރަން މި މަޖިލީހުން ވަރަށް ބޮޑަށް ކޮންސިޑާ ކުރައްވައިފައި ގޭންގު ކުށްތައް ހުއްޓުވުގެ ގާނޫނެއް ފާސްކޮށްފައި އަޅުގަނޑުމެންނަށް އެ އިހުތިޔާރާއި ބާރު ފުލުހުންނަށް ދެއްވައި އެކަން ކުރުމުގެ ފުރުސަތު ހޯދައިދެއްވީތީ، އޭގެ ނަތީޖާއެއްގެ ގޮތުން، ވަކިން ހާއްސަކޮށް މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފުލުހުންގެ ތެރޭގައި ގޭންގް ކްރައިމަށް ހާއްސަ އުނިޓެއް އުފައްދައި އެމަސައްކަތް ކުރަން ފެށިފަހުން އުފަލާއެކު ދަންނަވަން 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދޭތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދިވެހި ރައްޔިތެއްގެ ފުރާނަ އެބަވޭ ގޭންގް މާރާމާރީތަކުގައި ގޮސްފައި ކޮވިޑްގެ ހާލަތުގައި ފިޔަވާ،"

ބައެއް އަހަރުތަކުގައި އެވްރެޖްކޮށް ފަސް މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ހަވާލުވި ފަހުން ކުރެވުނު މަސައްކަތުގެ އަލީގައި އަދި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު ކުށެއްގައި ގެއްލިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ފުލުހުންގެ ތެރޭގައި ގޭންގު ކްރައިމަށް ހާއްސަ ޔުނިޓެއް އުފައްދައި، 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ގޭންގު މާރާމާރީތައް މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓުވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުށުގެ ވެށީގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް، ރަނގަޅު މަގުތައް ހިޔާރުކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.