ބަންޑާރަ ނައިބު އޮފީހުގެ ރިކްރިއޭޝަނަލް ކްލަބު ކަމުގައިވާ ބަންޑާރަ ކްލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ފަސްވަނަ ބަންޑާރަ ކަޕް އިއްޔެ ހަވީރު ފަށައިފިއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ފެށި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 17 ޓީމު އަދި އަންހެން ޑިވިޝަނުގައި 13 ޓީމަކުން ވާދަކުރާނެއެވެ. މެޗުތައް ހެންވޭރު ދަނޑުގައި ކުރިއަށްދާނީ އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މިއަހަރު މުބާރާތް އިއްޔެ ރާއްޖޭގެ ނައިބު ރައީސް، އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފު ޝަރަފުވެރިކޮށްދެއްވާފައިވާ އިރު، ހުސައިން ވަނީ މެޗުވެސް ކުޅުއްވައިފައެވެ. އިއްޔެއާއި ރޭ މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ޑިވިޝަނުގައި ތިން ގްރޫޕަކަށް ޓީމުތައް ވާދަކުރާނެއެވެ.

އިއްޔެ ހަވީރު ފިރިހެން ޑިވިޝަނުގެ ދެމެޗާއި އަންހެން ޑިވިޝަނުގެ ދެމެޗު ކުޅެފައިވާ އިރު، ފިރިހެން ޑިވިޝަނުގައި ޕިއޯއެސްސީން އޭސީސީއާރްސީ ބަލިކުރީ 10-3 އިންނެވެ. އަދި ޓީމް ހައި ކޯޓުން އެޗްއާރްއާރްސީ ބަލިކުރީ 15-1 އިންނެވެ.

އަންހެން ޑިވިޝަނުގައި ކްލަބު ޖޭއެސްސީ - އެސްސީއިން އޭސީސީއާރްސީ ކައިރިން 2-1 އިން މޮޅުވިވި އިރު، ކިއުވީއެލްއިން ވަނީ 8-0 އިން ޓީމް ހައި ކޯޓް ބަލިކޮށްފައެވެ.

ރޭ އަންހެން ޑިވިޝަނުގައި ޓީމް ސީއާރްސީން 4-1 އިން އެޗްއާރްއާރްސީ ބަލިކުރި އިރު، ޓީމް ސީއެފްސީން ޓީމް ޑީސީއާ ކުޅުނު މެޗުވީ 0-0 އިން އެއްވަރެވެ.

ފިރިހެން ޑިވިޝަނުގައި ރޭ ޓީމް ޑްރަގް ކޯޓުން މީރާ ރެކްރިއޭޝަން ކްލަބު ބަލިކުރީ 8-1 އިންނެވެ. ޕެންޝަން ރެކްރިއޭޝަން ކްލަބުން ރޭ ޓީމް ކްލެޕް ކައިރިން 5-0 އިން ބަލިވި އިރު، މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެެއެވެ.

މިދިޔަ އަހަރު ބަންޑާރަ ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ޖޭއެސްސީ ހޯދި އިރު، ފިރިހެން ޑިވިޝަން ކާމިޔާބުކުރީ ޑްރަގް ކޯޓެވެ.

މިއަހަރު ބަންޑާރަ ކަޕްގެ އެންމެފަހުގެ މައުލޫމާތު އެކަމަށް ހާއްސަ ވެބްސައިޓުން ލިބޭނެއެވެ.