ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އިގްތިސޯދީ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކޮންމެ ދުވަހަކު އެވްރެޖްކޮށް 2.7 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަމުންދާކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގްތިސޯދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ސައީދު ވިދާޅުވީ ރާއްޖެއަކީ ބޭރު ފައިސާއަށް، ހާއްސަކޮށް ޑޮލަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، ކާޑު މުއާމަލާތްތަކާއި ޓީޓީ ހެދުމަށް ބޭންކުން ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައިކަމަށް ސައީދު ވިދާޅުވިއެވެ. އަދި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ނުވަ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ލޯނު ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 1.2 މިލިއަން ޑޮލަރު އާންމުން ނަގަމުންދާ ކަމަށާއި، މިއީ މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް ސައީދު ވިދާޅުވިއެވެ. ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް އޭޓީއެމްތަކުން 188 މިލިއަން ޑޮލަރު ވަނީ ނަގާފައިކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދުނިޔޭގެ މަސްރަހަގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ގޮންޖެހުންތައް ހުރި ނަމަވެސް، ބޭންކުން ދަނީ އިގްތިސޯދީ ދުވެލި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކާޑު މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 ޕަސަންޓުގެ އިތުރުވުމެއް ކަމަށެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ކުރާ ރެމިޓެންސް މުއާމަލާތްތައްވެސް މިދިޔަ އަހަރަށްވުރެ 20 ޕަސަންޓަށް އިތުރުވެ، ތިން ލައްކައަށްވުރެ ގިނަ މުއާމަލާތް ވަނީ ހިނގާފައެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް