އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
އެ ބިލަށް ގެންނަން ކުޑޫ، ރައްޔިތުންގެ މަޖިިލީހުގެ ރައީސަށް ފޮނުވާފައިވާ އިސްލާހުތަކުގައި ހަތަރު އިސްލާހެއް ހިމެނެއެވެ.
އޭގެ ތެރޭގައ ހިމެނެނީ، ރަށެއް ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ފަޅެއް، ފަޅުރަށެއް ނުވަތަ ކަނޑުގެ ވަސީލަތެއް ނުވަތަ އެ ނޫން ވެސް އެސެޓެއް އެ ކައުންސިލަކާ މަޝްވަރާކުރުމަކާ ނުލައި މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލްތަކާ ދެމެދު އިހުތިސޯސްތަކާއި ވަސީލަތްތައް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި މަޝްވަރާކުރުމުގެ މަރުހަލާތައް ބަޔާންކުރާ ގަވާއިދެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި އާންމުކުރަން ޖެހޭނެ ކަމަށެވެ.
މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހުތިސޯސަށް ނުވަތަ ވަސީލަތްތަކަށް ބަދަލެއް ގެންނަން ހުށަހަޅައިފި ހާލަތެއްގައި އެ ކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ ކައުންސިލަކުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ އެކު އާންމު ބައްދަލުވުމެއް (ޕަބްލިކް ފޯރަމެއް) ބާއްވައި ރައްޔިތުންގެ ހިޔާލު ހޯދަން ވާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލެއްގެ އިހުތިސޯސުން އެސެޓެއް ނުވަތަ ވަސީލަތެއް ވަކިކުރުމަށް މަރުކަޒީ ސަރުކާރުން ބޭނުންވާ ނަމަ އެކަން ކުރަން ޖެހޭ ސަބަބާއި، އެ ނިންމުމުގެ ސަބަބުން އާންމު މަސްލަހަތު ހިމާޔަތްކުރެވޭ ގޮތުގެ ތަފްސީލީ ބަޔާނެއް މަރުކަޒީ ސަރުކާރުން އެކުލަވާއި އާންމުކޮށް ޝާއިއުކުރަން ވާނެ ކަމަށްވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން ހުށަހެޅުއްވި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް