އެމްޑީޕީން ރައްޔިތުންނަށް ވިއްކަނީ ހުސް "އަނގަ" ކަމަށާއި އެ ޕާޓީން ގެންނަން އުޅޭ ބޮޑު ބަދަލަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ތަކުލީފެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ޑިމޮކްރަސީއާއި އިސްލާހީ ބަދަލުތަކުގެ ވާހަކަ ދެއްކި ނަމަވެސް، ވެރިކަމުގައި ތިބެގެން ކަންކަން ކޮށްފައިވާ ގޮތުން އެއީ ހަގީގީ އިސްލާހެއް ނޫންކަން ސާފުވާ ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކާއި ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވައި، ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ.

ރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާތީ، ސިޔާސީ އަދި އިޖުތިމާއީ ނިޒާމުތައް ބައްޓަންކުރަންޖެހޭނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހުޅަނގުގެ ޑިމޮކްރަސީ އޭގެ ފުރިހަމަ ގޮތުގައި ބަލައިގަންނަނަމަ، ދީނީ އަދި އިޖުތިމާއީ ހަމަތަކާ ތައާރުޒުވާ ކަންކަން ގަބޫލުކުރަން ޖެހިދާނެ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމެއް ތަރައްގީވެ، ކޮރަޕްޝަން ފަދަ ކަންކަން ނައްތާލެވޭނީ އިލްމުވެރި އަދި ތައުލީމީ މީހުން މުއައްސަސާތަކާ ހަވާލުވެގެން ކަމަށެވެ. އަދި ގާބިލުކަމެއް ނެތް މީހުންނާ ކަންކަން ހަވާލުކުރުމުން މުޅި ނިޒާމު އިތުރަށް ގޯސްވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތަޖުރިބާކޮށް ފެއިލްވެފައިވާ ނިޒާމުތަކަށް އަލުން އެނބުރި ދިއުމަކީ ގައިރު ޒިންމާދާރު ކަމެއް ކަމަށާއި، ބޮޑެތި ޝިއާރުތަކުގެ ނިވަލުގައި ތިބެގެން ސިޔާސީ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަގީގީ އިލްމާއި ތާރީހުގެ މައްޗަށް ބިނާކޮށް ކަންކަން ނިންމަންޖެހޭ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވަނީ އެފަދަ ސިޔާސީ އުކުޅުތަކުން ދުރުވުމަށް އިލްތިމާސް ކުރައްވައިފައެވެ.