ސައުދީ އަރަބިއްޔާއާއި ތުރުކީވިލާތް އަދި ޕާކިސްތާނުން ގުޅިގެން "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމުގައި ދިފާއީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ރަސްމިއްޔާތެއްގައި، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާއާއި ތުރުކީވިލާތުގެ ރިޔާސީ ގަނޑުވަރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގައުމުތަކަށް އަމާޒުވާ ހަމަލާތަކުން ދިފާއުވުމުގެ ބާރު ގުޅިގެން ވަރުގަދަކުރުމެވެ. މި ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަތިޔާރު އެޅި ހަމަލާއަކީވެސް، އެ ތިން ގައުމަށް އެއްކޮށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓާ ފޯ ޕަބްލިކް ޑިޕްލޮމަސީ ރާއިދު ކްރިމްލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ވަކި އަސްކަރީ ގްރޫޕެއް ނުވަތަ މަޒުހަބީ ބްލޮކެއް އުފެއްދުމަށް ވެވުނު އެއްބަސްވުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަން ހާމަނުކުރާ ތުރުކީވިލާތުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ދިފާއީ ބޭނުމަށް ވެވުނު އެއްބަސްވުމެކެވެ. މިއީ ވަކި ފަރާތަކާ ދެކޮޅަށް އަމާޒުކޮށްފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި، ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް މި އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ބައިވެރިވާ ތުރުކީވިލާތަކީ ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ގައުމެވެ. އަދި ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ގައުމަކަށް ވާއިރު، ސައުދީ އަރަބިއްޔާއަކީ ތެޔޮ އެކްސްޕޯޓުކުރާ އެންމެ ބޮޑު އެއް ގައުމެވެ. މީގެ ކުރިން، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ސައުދީ އަރަބިއްޔާއާއި ޕާކިސްތާނުން ވަނީ ދެގައުމުގެ ދެމެދުގައިވެސް މިފަދަ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް