އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ މިތުން ޗަކްރަބަތީ، ކަލްކަތާގެ އަމިއްލަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް އޮޕަރޭޝަނެއް ކޮށްފިއެވެ. މިކަން ހާމަކުރެއްވީ އޭނާގެ ހާލު ބައްލަވައިލެއްވުމަށް ހުކުރު ދުވަހު ހޮސްޕިޓަލަށް ވަޑައިގަތުމަށްފަހު، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ސުވެންދޫ ވިދާޅުވި ގޮތުގައި، މިތުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ސިއްހީ މައްސަލަޔަކާ ގުޅިގެންނެވެ. އަދި އޭނާއާ ބައްދަލުކުރައްވައި ހާލު އޮޅުންފިލުއްވި ކަމަށާއި، އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ސުވެންދޫ އިތުރަށް ވިދާޅުވީ، މިތުންގެ ކުޑަ އޮޕަރޭޝަނެއް ރޭގެ ވަގުތެއްގައި ކޮށްފައިވާ ކަމަށާއި، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިތުންނަކީ ވެސްޓް ބެންގޯލްއަށް މުހިންމު ފަންނާނެއް ކަމަށާއި، އޭނާގެ ސިޔާސީ ހަޔާތުގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާކަން ޗީފް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިތުންގެ ކަނާތުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ މީގެ ކުރިން ލިބިފައިވާ އަނިޔާއަކާ ގުޅިގެން ލައްވާފައިވާ ދަގަނޑު ޕްލޭޓެއް ނެގުމަށެވެ. މި އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.
މިތުން ވަނީ މީގެ ކުރިން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެސް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. އެ ފަހަރު ވެސް ފަރުވާއަށްފަހު އޭނާ ވަނީ އަނބުރާ މަސައްކަތަށް ނުކުމެފައެވެ. މިތުން އެންމެ އަވަހަށް ދެން ފެންނާނީ ސަނީ ޑިއޯލްއާއެކު “ބަޓްވާރާ 1947” އިންނާއި، ރަޖްނީކާންތާއެކު “ޖެއިލަރ 2” އިން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް