އިންސާނީ ވަގުފާރީގެ ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މާލޭގައި ދާއިމީ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިރޫޝް ވިދާޅުވީ މީގެ ކުރިން ގުޅީފަޅާއި ހިންމަފުށީގައި އެފަދަ ހިދުމަތްތަކެއް ދިން ނަމަވެސް، މާލެއިން ބޭރުގައި އެފަދަ ތަންތަން ހުރުމުން ސިއްހީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

"ފަހަކަށް އައިސް އަޅުގަނޑުމެން މިކުރާ ކަމަކީ ގެސްޓްހައުސްއެއްގައި ނުވަތަ ތަނެއް ކުއްޔަަށް ނަގައިގެން މާލޭގައި ބައިތިއްބައިގެން ދޭންޖެހޭ އެހީތެރިކަމެއް ނުވަތަ ނަގަންޖެހޭ ބަޔާނެއް މި ނަގަނީ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންމިދަނީ ދާއިމީ ސެޓަޕެއް މާލޭގައި ގާއިމްކުރެވޭނެ ގޮތްތައް ދެނެގަތުމަށް،" ފައިރޫޝް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީންނަށް ކުރިމަތިވާ އެކްސްޕްލޮއިޓޭޝަން ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ހިނގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެފަދަ މައްސަލަތަކުގައި ކުށްވެރިންނަށް ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހެކި ހޯދުމުގެ ދަތިކަންކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"މުސާރަ ލިބޭއިރަށް އޭނަވެސް ބޭނުމެއް ނުވޭ އެ މައްސަލަ ކުރިއަށްގެންދާކަށް. ބޭނުންވަނީ އެ ބިދޭސީ މީހާ އަވަހަށް އޭނަގެ އަމިއްލަ ގައުމަށް ދާން. އެހެންނޫނިއްޔާ އޭގެ ތެރެއިން ސަލާމަތްވެގެންދާން. އެހެންވީމަ އަސްލު މި ވީގޮތަކީ މައްސަލައިގަ އިންވޯލްވާ މީހުންނާ ދެމެދު ފިޔަވަޅު އަޅަން ދަތިވަނީ. ލޯ އެންފޯސްމެންޓަށްވެސް އެބަ ބޭނުންވޭ ކޮންމެވެސް ކަހަލަ ހެކިތަކަކާއި ގަރީނާތަކެއް އެ މައްސަލަ ކުރިއަށްގެންދަން،" ފައިރޫޝް ވިދާޅުވިއެވެ.