ރާއްޖޭގައި ތިބި ބިދޭސީންގެ 99 ޕަސެންޓް މީހުންގެ ބަޔޯމެޓްރިކްސް ނަގާ ނިމިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދާހިލީގޮތުން ކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށާއި ކުރީ ސަރުކާރުތަކުން އެކަން ކުރުމަށް ވައުދުވެގެން ވެރިކަމަށް އައި ނަމަވެސް މިހާތަނަށް އޮތީ އެކަން ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހަވާލުވި އިރުގައި މިތަނުގައި އުޅެނީ ކިތައް ބިދޭސީން ކަމެއްވެސް ނޭންގެ، އެމީހުން ތިބި ތަނެއްވެސް ނޭންގެ. އެކަމަކު ކޮންމެ ސަރުކާރަކުން ވެސް މި މައްސަލަ ހައްލު ކުރާނަމޭ ބުނީމަ ރައްޔިތުން ވޯޓު ދެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކާއި މި ސަރުކާރާ ހުރި ތަފާތަކީ ވައުދުވާ ކަންކަމުގައި އަމަލީ ސިފަ ގެނެސްދިނުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އެގޮތުން މިއަދާ ހަމައަށް އައި އިރުގައި ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ނަގައި ނިމިއްޖެ. ބާކީ އެންމެ ޕަސެންޓެއް. މި އެޗީވްމަންޓަކީ މުޅި ދުނިޔޭގެ އެންމެ އެއް ޕަސެންޓް ގައުމުން ހާސިލުކުރެވިފައިވާ ވަރެއް. އެކަމަކު ރާއްޖޭން މިވަނީ މިކަން ހާސިލުކޮށްފައި. އިހުލާސްތެރިކަމާ އެކު މަސައްކަތެއް ކުރަންޏާމު ކަންކަން ހާސިލު ކުރެވޭނެކަން މީގެން އެނގެނީ،"

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ރެކޯޑް އަދަދަކަށް މީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅުނު 13000 ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.