ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭންގެ ފެއިލިއާއާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހޫނު ފެނަށް ވެއްޓިފައި ވަނިކޮށް އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމާއެކު މެމްބަރު އެސޯސިއޭޝަންތަކުގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ހުށަހެޅި އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އޮތެވެ. އެ ޕްލޭނަށް ތާއިދު ހޯދަން އިންފަންޓީނޯ ގައުމުތަކަށް ބަޖެޓްގެ ވައުދުވީ ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ބައްރެއްގެ މެމްބަރު ގައުމުތަކުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.
ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ގަތުމަށް ފުރުސަތު އޮންނަ އިރު، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.
އެ ޕްލޭން ފެއިލްވެގެން ދިޔަ އިރު، ފީފާގެ އެތެރޭގައިވެސް ވަނީ މައްސަލަ ގޯސްވެފައެވެ. ހާލަތުން އަރައިގަނެ، އަންނަ އަހަރު އޮންނަ އިންތިހާބު ކާމިޔާބުކުރެއްވުމަށް އިންފަންޓީނޯ މަސައްކަތް ކުރައްވަމުންދާ އިރު، އިންފަންޓީނޯގެ ނަން ހާމަނުކޮށް ފީފާގެ ޖެނެރަލް ސެކްރެޓަރީ މަތިއަސް ގްރްފްސްޓްރޯމްވެސް ވަނީ އެކަން ކުރި މީހުން ކުށްވެރިކޮށް އިންޓާނަލް މެމޯއެއް ނެެރުއްވައިފައެވެ. އޭނާގެ މެމޯގައި ހިނގާދިޔަ ކަންތައްތަކަކީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރި ހިތާމަވެރިކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މޮރޮކޯގެ ރަބަޓްގައި އިއްޔެ ބޭއްވި ކުއްލި ބަދަލުވުމުގައި ފީފާގެ އިސް ފަރާތްތަކާ އިންފަންޓީނޯ ބައްދަލުކުރައްވާފައިވާ އިރު، އެ ބައްދަލުވުމަށްފަހު މެމްބަރު ހުރިހާ ގައުމަކަށް ސިޓީ ފޮނުވާފައިވެއެވެ. ފީފާގެ ސިޓީގައި ބުނީ ފީފާ ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކުން އިންފަންޓީނޯއަށް އިތުބާރުކުރާ ކަމަށެވެ. އެހެން ނަމަވެސް އެފްއެފްއީގެ ކަންކަމުގައި ކަން ހިނގާ ދިޔަ ގޮތުން އެކަމުގައި މައާފައަށް އެދޭ ކަމަށްވެސް ސިޓީގައި ވެއެވެ.
ސިޓީގައި ބުނީ އިންވެސްޓްމަންޓް ޕްލޭންގެ ކަންކަމުގައި ފީފާ މެމްބަރު ގައުމުތައް ބައިވެރި ނުކުރެވޭކަމަށް އެއްބަސްވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ފީފާ ކައުންސިލުން ބޭނުންވާ ގޮތް ނޫން ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ފީފާގެ ހާލަތު ގޯސްކޮށް ދިޔުމާއެކު ޔޫއެފާއާއި އޭއެފްސީގެ އިތުރުން ކޮންކެކަފްއިންވެސް ވަނީ އިންފަންޓީނޯއަށް އިތުބާރު ނެތްކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އެފްރިކާގެ މައި އިދާރާއާއި ސްރީ ލަންކާ، ކުވައިތު، ލުބުނާން، އިންޑޮނޭޝިއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުން ވަނީ އިންފަންޓީނޯއަށް ތާއިދު އޮތްކަން ހާމަކޮށްވެސް ބަޔާން ނެރެފައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް