މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ހަރަދުތަކަށް 1.3 ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކުރި ކުއާޓާލީ އިގްތިސޯދީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރި ހަރަދުތަކާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ހަރަދުތައް ވަނީ 44 ޕަސަންޓަށް އިތުރުވެފައެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދައުލަތް ހިންގުމުގެ ހަރަދުތައް ނުވަތަ ރިކަރަންޓް ހަރަދުތައް ބޮޑުވުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ރިކަރަންޓް ހަރަދަށް އެކަނިވެސް 1.1 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހިނގާ ކެޕިޓަލް ހަރަދަށް 190 މިލިއަން ރުފިޔާ އިތުރުވެފައިވާކަން ރިޕޯޓުން ދައްކައެވެ.

ދައުލަތުގެ ހަރަދުތައް އިތުރުވި ނަމަވެސް، ރާއްޖޭގެ ދަރަނީގެ ހާލަތަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 135 ބިލިއަން ރުފިޔާގައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ބަލާ ނަމަ، 110 ޕަސަންޓުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް މި ނިސްބަތް ހުރީ 113 ޕަސަންޓުގައިކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކޮށް ދަށްވި ނަމަވެސް، ޖުމްލަ ދަރަނި އެއްވަރެއްގައި ހިފެހެއްޓިފައިވަނީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަނި ނުވަތަ ޓީބިލާއި ބޮންޑް ވިއްކި މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

ހަރަދުތަކުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 15 ޕަސަންޓް ވަނީ އިތުރުވެފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއީ 457 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.