ފެނަކަ ކޯޕަރޭޝަންގެ އިތުރު އޮޑިޓް ރިޕޯޓަކުން ފާހަގަކުރެވޭ މައްސަލަތަކެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން އިއްޔެ އެގޮތަށް ފާސްކުރީ، ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު އެކުލަވައިލި ކޮމިޓީ ރިޕޯޓުގައި ރެކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނައިގެންނެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އަޅަން ގިނަ ރެކޮމެންދޭޝަންތަކެއް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފާހަގަކޮށްފައިވާ އެއް މައްސަލައަކީ، ކުރީގެ މެނޭޖިން ޑިރެކްޓަރަކާ އާއިލީ ގުޅުންއޮތް ކުންފުނިތަކަކުން މުދަލާއި ހިދުމަތް ހޯދަން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 92 އެއްބަސްވުމެއްގެ ދަށުން ގަވާއިދާ ހިލާފަށް ޖުމުލަ 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށް، އެ ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ މައްސަލައެކެވެ.
އެކަމާ ގުޅިގެން، ދުރުރާސްތާ ޕްލޭނެއް ނެތި އަވަސް އަރުވާލައިގެން ގިނަ މަޝްރޫއުތަކެއް ފަށައި، މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އާއި ޕޮލިހަށް ހުށަހަޅައި، ތަހުގީގު ނިމެންދެން އެ މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލު ކޮންމެ ދެ މަހަކުން ކޮމިޓީއަށް ހުށަހަަަންޖެހޭ ކަމަށް ވަނީ ފާސްކޮށްފައެވެ.
އެ ރެކޮމެންޑޭޝަންތައް ކޮމިޓީން ފާސްކުރީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ތާއީދު ކުރައްވައިގެންނެވެ.
އިތުރު ބައެއް ރެކޮމެންޑޭޝަންތައް:
- ކުންފުންޏަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން ވެސް އޭސީސީ އާއި ޕޮލިހަށް އަންގައި އޭގެ ތަފްސީލު ކޮންމެ ދެމަހަކުން ކޮމިޓީއަށް ހުށަހެޅުމަށް
- ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގާފައިވާ މައްސަލަތައް ބަލައި ކޮންމެ ދެމަހަކުން ކޮމިޓީއަށް ހުށަހެޅުމަށް
- މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ބައެއް ހިދުމަތްތައް ހޯދަން އެއްބަސްވުންތައް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރުމަށް ކަމާ ގުޅޭ އިދާރާއަށް ހުށަހަޅައި، މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭން އެންގުމަށް
- އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހެދުމަށް، ހެދި އެއްބަސްވުންތަކުގެ ތެރެއިން ބާތިލުކޮށްފައިވާ އެގްރީމެންޓްތަކުގެ އެޑްވާންސް ފައިސާ ހޯދުނު މިންވަރުގެ ތަފްސީލުތައް ކޮންމެ ދެމަހަކުން ކޮމިޓީއަށް އެންގުމަށް
- ފެނަކައަށް ބޭނުންވާ އަޑީ ތެޔޮ އަދި ސްޕެއާ ޕާޓްސް ގަނެފައިވަނީ ޓެންޑަރިން ޕްރޮސެސްއެއް ނެތިކަމަށްވާތީ، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި، ކޮންމެ ދެ މަހަކުން އެކަމުގެ ތަފްސީލު ކޮމިޓީއަށް ހުށަހަޅަން
- ބާ ޖަނަރޭޓަރުތަކެއް ގެނެސްފައިވާ މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހަޅާ އެކަމުގެ ތަފްސީލު ކޮންމެ ދެ މަހަކުން ކޮމިޓީއަށް އެންގުމަށް
- ކުންފުނީގެ މުދަލާ ފައިސާ އިސްރާފުވާގޮތަށް ހިންގާފައިވާ ވަކިވަކި އެހެން ޕްރޮޖެކްޓްތައް ވެސް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެކަންކަމުގެ ތަފްސީލުތައް ކޮންމެ ދެމަހަކުން އެ ކޮމިޓީއަށް އެންގުމަށް
މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓާއި ފެނަކައިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗްތަކާއި، ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަހުގީގުކުރުމަށް އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ތަހުގީގީ އިދާރާތަކަށް އަންގަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް