ޗީފް އެގްޒެކްޓިވް ހިމެނޭހެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތް މެންބަރުންނަށް އިތުރު ކުރަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު"އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހުއެވެ.
އެ ކޮމިޓީން މިއަދު ވަނީ އެ ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފައެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން މަޖިލިސް އިދާރާއިން މިއަދު ބުނީ، މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާ ކަަމަށެވެ.
އެގޮތުން އެ ދުވަހުގެ 2:00 ގެ ކުރިން ބިލަށް ހުށަހަޅާ ހިިޔާލު، ކޮމިޓީއަށް މެއިލް ކުރުން ނުވަތަ މަޖިލިސް އިދާރާއަށް ލިއުމުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގައި މިހާރު އޮންނަނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެންބަރުން ތިބެންޖެހޭ ގޮތަށެވެ.
އޮތޯރިޓީގެ އިދާރީ ހިންގުމާއި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުމުގެ ވެރިޔަކީ، ސިވިލް ސާވިސްއިން އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްކަމަށް މިހާރު ގާނޫނުގައި އޮތް ނަމަވެސް އެއީ ބޯޑުގައި ހިމެނޭ މަގާމެއް ނޫނެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އާއެކު، އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަަމަށެވެ.
މި ބިލުގައި ޗީފް އެގްޒެކްޓިވްއާ އެކު ދެން ބޯޑަށް އިތުރުކޮށްފައިވަނީ ގާނޫނީ ދާއިރާގެ މެންބަރެކެވެ.
މިހާރު ބޯޑުގައި ތިއްބަވަނީ، ހަކަތައިގެ ދާއިރާއިން މެންބަރަކާއި ފެނާއި ނަރުދަމާގެ ދާއިރާއިން މެންބަރަކާއި ކުނި މެނޭޖު ކުރުމުގެ ދާއިރާއިން މެންބަރަކާއި މާލީ ނުވަތަ އިގުތިސޯދީ ދާއިރާއިން މެންބަރަކާއި ތިމާވެށީގެ ދާއިރާއިން މެންބަރެކެވެ.
ގާނޫނު ބުނާ ގޮތުން އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ޗީފް އެގްޒެކްޓިވް ބޯޓުގައި ހިމެނުނު ނަމަވެސް ޗެއާޕާސަންކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރައްވާނީ، ޗީފް އެގްޒެކްޓިވް ފިޔަވައި ދެން ތިއްބެވި މެންބަރުންގެ ތެެރެއިން މެންބަރެކެވެ. އަދި ވޯޓުން ނިންމާ އެއްވެސް ނިންމުމެއްގައި ވޯޓު ލުމުގެ ހައްގު ޗީފް އެގްޒެކްޓިވްއަށް ލިބިގެނެއް ނުވެއެވެ.
މި ބިލުގައިވާ ގޮތަށް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަންވާނެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާނީ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް