ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން ނެދަލޭންޑްސްގެ އަޔެކްސްއަށް ސޮއިކޮށްފިއެވެ.

އަޔެކްސްއިން އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރަމުންދާ އިރު، ބާސާ ކީޕަރު ސްޓެގެން އެ ކްލަބަށް ގެންގޮސްފައި ވަނީ އެއް ސީޒަނުގެ ލޯނެއްގައެވެ. އުމުރުން 34 އަހަރުގެ ސްޓެގަންއަށް 2024 ވަނަ އަހަރު ބޮޑު އަނިޔާއެއްވެ، ކަކުލުގެ ސާޖަރީއާއެކު އޭނާއަށް ވަނީ 223 ދުވަހުގެ ކުޅުން ގެއްލިފައެވެ.

ސްޓެގަންއަށް އަނިޔާވުމާއެކު އިނާކީ ޕެނާ ފުރަތަމަ ބޭނުންކުރި ނަމަވެސް ބާސާއިން ވަނީ ފަހުން ވޯޝެކް ޝެޒްނީ ކްލަބަށް ގެންގޮސްފައެވެ. އޭގެފަހުން މިދިޔަ ސީޒަނަށް ޖޮއާން ގާސިއާ ގެންގޮސްފައިވުމާއެކު މިހާރު ސްޓެގަންއަށް ވަނީ ފުރަތަމަ 11 އިން އެއްކޮށް ޖާގަ ގެއްލިފައެވެ.

އަޔެކްސްއިން އިތުރު ބައެއް ޓްރާންސްފާތައްވެސް ފުރިހަމަ ކުރަމުންދާ އިރު، ޖަރުމަނު ގައުމީ ޓީމުގެ ޖޫލިއަން ބްރަންޓްގެ ސޮއިވެސް މިހާރު ވަނީ ހޯދައިފައެވެ. އޭގެ އިތުރުން ވުލްވްސްއަށް ކުޅުނު ޓޯލޫ އަރޮކޯޑާރޭވެސް ލޯނަށް ގެންގޮސްފައިވާ އިރު، ސައުދީ އަރަބިއްޔާގެ ހިލާލަށް ކުޅުމުންދިޔަ މާކޮސް ލެއާނާޑޯވެސް އަޔެކްސްއިން ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ގެންގޮސްފައެވެ.

ސްޓެގަން މިދިޔަ ޖެނުއަރީއަށްފަހު ސީޒަނުގެ ފަހު ބައިގައި ކުޅުނީ ޖިރޯނާއަށެވެ.