ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭންގެ ފެއިލިއާއާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މަގާމުގައި ހުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމަށް އެދެން މަސައްކަތް ކުރައްވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ހުށަހެޅި އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އޮތެވެ. އެ ޕްލޭނަށް ތާއިދު ހޯދަން އިންފަންޓީނޯ ގައުމުތަކަށް ބަޖެޓްގެ ވައުދުވީ ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ބައްރެއްގެ މެމްބަރު ގައުމުތަކުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.

ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ގަތުމަށް ފުރުސަތު އޮންނަ އިރު، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.

ކުއްލިއަކަށް އެފްއެފްއީގެ ޕްލޭން އިއުލާނުކުރުމުން އެކަމުގެ ތަހުގީގުތައްވެސް ނޫސްތަކުން ހިންގާފައިވާ އިރު، އިންފަންޓީނޯ އިއުލާނުކުރެއްވި ޕްލޭންގައިވާ އިންވެސްޓްމަންޓް ފަންޑު ހިންގަން ނިންމާފައި ވަނީ ތްރައިވް ކެޕިޓަލްއިންނެވެ. އެއީ ޓްރަމްޕްގެ ދަރިފުޅު އިވަންކާގެ ފިރިކަލުން ޖެރަޑް ކުޝްނާގެ އެއްބަނޑު އެއްބަފާ ޖޯޝް ކުޝްނާގެ ކުންފުންޏެކެވެ.

އޭގެ އިތުރުން އެފްއެފްއީގެ އެންމެ މުހިއްމު އެއް އެޑްވައިޒަރަކީ ފީފާއިން ބުނާ ގޮތުން ފޯމިއުލާ ވަންގެ ކުރީގެ ރައީސް ގްރެގް މާފޭއެވެ. އެއީ ލިބަޓީ މީޑިއާގެ އެއް ވެރިޔާއެވެ. އޭނާއަކީ ޓްރަމްޕް ކެމްޕޭނަށް އެންމެ ބޮޑަށް ފަންޑުކުރި އެކެކެވެ.

ނިއު ޔޯކް ޕޯސްޓުން ތުހުމަތު ކޮށްފައި ވަނީ އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބުގައި އިންފަންޓީނޯއަށް ނާކާމިޔާބީއާ ކުރިމަތިވުމުގެ ފުރުސަތު މިހާރު ބޮޑެވެ. ޔޫއެފާގެ ގައުމުތަކުން ކުރި ކުރި ތާއީދު އަނބުރާ ގެންދަންވެސް ފަށާފައިވާ އިރު، އެއްވެސް ބައްރަކުން އިންފަންޓީނޯއާ ފުލްކޮށް ބައިއަތު ހިފުން ދުރު ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނީ ކަންކަން ގޯސްވި ހިސާބުން އިންފަންޓީނޯ ޓްރަމްޕާ ގުޅުއްވަން މަސައްކަތް ފެއްޓިވި ނަމަވެސް، އޭނާގެ ފޯން ކޯލަށް ޓްރަމްޕް ޖަވާބުދާރީވެ ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކަމާ އިންފަންޓީނޯ އެކަނިވެރިވެ، މާޔޫސްވެފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. ހާއްސަކޮށް މީޑިއާގައި ފެތުރުނު ވާހަކަތަކުގެ ސަބަބުން އިންފަންޓީނޯ ނުތަނަވަސްކަމުގައި ހުރި ކަމަށް ނޫސްތައް ބުނެފައިވެއެވެ.