ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށް އެބަ ގެންދާ ކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކަންތައްތަކުގެ އަމާޒަކީ މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން އޮންނަ ތަނަކަށް އެ މިނިސްޓްރީ ހެދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަގުފު ފަންޑު ވެސް ކުރިއަރަމުން އަންނަ ކަމަށެވެ.

އަހަރެއްހާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުން ކަމަށެވެ.

މިހާރު ހުރި ގިނަ ދަތިތައް، އޭރުން ހައްލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ މަރުކަޒު އެޅި އިރު އެތަން ބަލަހައްޓާނެ މާލީ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި އެހެން ގައުމުތަކުގައި އެފަދަ އިންތިޒާމުތައް ހަމަޖައްސާ ކަމަށެވެ.

އެފަދަ އިންތިޒާމުތައް ހަމަނުޖައްސާ ނަމަ އެތަންތަން ހަލާކުވާނެ ކަމަށާއި ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންތައްތައް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.