ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އަދިވެސް އެ މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި "ހޯކްސް ވޮޔޭޖާ" ކޮޅުވެއްޓި ދިޔަވެ ގާފަރު ކައިރިން އަޑިއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ ދިހަ މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ.
އެ ހާދިސާގައި ސަލާމަތްވި މީހުން ވަނީ ގާފަރަށް ހަމަ އެ ދުވަހު ގެންގޮސްފައިވާއިރު އެ މީހުންނަށް ކުދިކުދި އަނިޔާ ލިބުނު ނަމަވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އެއާ ކޯއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީން އާއި ފާސްޓް އިންޓަސެޕްޓަާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އޭގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލައިފައި ކަމަށެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ،" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މަައުލޫމާތު ހިއްސާކުރަން އެދިފައެވެ. އަދި ފެކްސް ކުރާ ނަމަ 3391665 މި ނަންބަރަށް ފެކްސް ކުރަންވެސް އެދިފައިވެއެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް