ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފިއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެއާ އެކު، ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު އޯޓީޕީ ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް އާއި އީ-މެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު، ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ބޭނުންތައް އިތުރުވަމުންދާ އިރު، އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާ އެކު، ފައިސާ ދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިހުތިޔާރުކުރާ ގޮތް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލު ކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.