މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި މިއަދު ފެށި ކަޕް ވިނާސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.
މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ކުޅޭނީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.
މިއަދު ހަވީރު ނިއު ރޭޑިއަންޓުން ބުރު ބަލިކޮށްފައިވާ އިރު، މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން އޮޑި ބަލިކުރީ 2-1 އިންނެވެ. މި މެޗަކީ މާޒިޔާއާ އަލަށް ހަވާލުވި ކޯޗު ތޯމްސް ޓްރޫޗާގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން އޮޑިއާ އަލަށް ހަވާލުވާން ތައްޔާރުވެފައިވާ ޕޯޗުގަލްގެ ކޯޗު، ޕްރާޓާ ރުއީ ޕެޑްރޯ އަދި އެޓީމާ ގުޅިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ހަމަލާތައް ގިނަކޮށް ފެނުނު އިރު، މާޒިޔާގެ މުހައްމަދު އިލާން އިމްރާނާއި އިބްރާހީމް އައިސަމް ފޮނުވާލި ހަމަލާތައް ފާހަގަކުރެވުނު އިރު، އޮޑީގެ މުޒްދާން ހަސަންގެ ހަމަލާ ކާމިޔާބެއް ނުވިއެވެ.
މާޒިޔާއިން މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އެ ގޯލަކީ އަހުމަދު އައިހަމް (ފަތޯ) ތިރިތިރިން ދުއްވާލި ޕާހަކުން ނައްސާހް އިބްރާހީމް ނާސިރް ފައިން ޖައްސާ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ. އޭގެ 10 މިނެޓް ފަހުން އޮޑިން ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން އަހްޒަމް ރަޝީދު (އަހު) ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ މުޒްދާނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އިލާންގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ފަތޯ ދުރުން ފޮނުވާލި ހަމަލާ މަތަކުރީ އޮޑީގެ ކީޕަރު މުހައްމަދު އަޝްވާނެވެ. އެ ނުރައްކަލުގެ ތެރެއިން މާޒިޔާ މެޗުން މޮޅުވި ގޯލް، 78 ވަނަ މިނެޓުގައި ޖަހައިދިނީ ފަތޯއެވެ. އެއީ އޭރިއާ ބޭރުން ލިބުނު ބޯޅަ، ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ.
ކަޕް ވިނާސް ކަޕް މެޗުތައް ދެން އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު މާޒިޔާއިން ބުރާ ދެކޮޅަށް ނުކުންނަ އިރު، އެ ރޭ ނިއު ރޭޑިއަންޓް ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކޮމެންޓް