ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުންދަނިކޮށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ، ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެއެވެ.

ސައީދު މިރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 އަކީ އެމްޑީޕީން ސިޔާސީ ގޮތުން "ޓްރިގާ" ވާ ދުވަސްތަކެއް ކަމަށެވެ.

ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި ތެޔޮ ލިބެން ހުރީ އެހެން ގައުމުތަކަށްވުރެ އަގުހެޔޮކޮށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ހުރިއިރު، ސިންގަޕޫރުގައި އެ އަގު ހުރީ 40.09 ރުފިޔާގައި ކަމަށެވެ. އަދި އިންޑިއާގައި 18.08 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ވިއްކާއިރު، ދުބާއީގެ އަގަކީ 14.07 ރުފިޔާ ކަމަށެވެ.

ކުޑަކުދިންގެ ކިރުގެ އަގު ބޮޑުވި ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ސައީދު ވިދާޅުވީ، އާންމުކޮށް ބޭނުންކުރާ ލެކްޓޯޖެން ކިރުދަޅެއް (300 ގްރާމް) މިހާރު ވެސް 130 ރުފިޔާއަށް އެމްއެޗްއޭ އިން ލިބެން ހުރި ކަމަށެވެ. މީގެ އިތުރުން ބީފްގެ އަގު ބޮޑުވާނެ ސަބަބުތައް ތަފުސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަހުގެ ބާވަތާއި، ކޮލެޓީ އަދި އެތެރެކުރާ ގައުމަށް ބަލައި އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އެމްޑީޕީން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންނަށް ލަނޑު ދިނުމަށްކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިގްތިސޯދު ކޮޅަށް ޖަހައި، ކުރީ ސަރުކާރުން ދޫކޮށްލި ބޮޑެތި ދަރަނިތައް ދައްކަމުންދާކަން އެމްޑީޕީން ގަބޫލުކުރަން ބޭނުންނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.