މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި މިއަދު ފެށި ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.

ކަޕް ވިނާސް ކަޕް 1995 ވަނަ އަހަރު އެންމެ ފުރަތަމަ ބާއްވާފައިވާ އިރު، އޭގެފަހުން އޭގެ 11 މުބާރާތެއް ބޭއްވިއެވެ. މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ކްލަބު ވެލެންސިއާއިންނެވެ. އެއީ ހަ ފަހަރުއެވެ. މުބާރާތް އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވި އިރު، އެ މުބާރާތް ނެގީ ނިއު ރޭޑިއަންޓުންނެވެ.

މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ކުޅޭނީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.

މިއަދު ނިއު ރޭޑިއަންޓުން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުމެ، ފުރަތަމަ މޮޅު ހޯދީ 5-0 އިންނެވެ.

ތަފާތު ވަރުގަދަ ޓީމެއް ބިނާކުރަމުންދާ ނިއުއިން މެޗުގެ ފުރަތަމަ މިނެޓުގައި ލީޑު ނެގިއެވެ. އެޓީމަށް އަލަށް ގެނައި ބްރެޒިލް ފޯވަޑް، ޑޮރިއެލްޓަން ގޮމޭޒް ނަސިމެންޓޯ (ޑޯރީ) އެ ގޯލް ޖަހައިދިންި އިރު، ދެވަނަ ހާފުގައި އިތުރު ދެ ގޯލް ފުލުފުލުގައި ޖަހައި އޭނާ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ. ޑޯރީއަކީ ކުރިން ބްރެޒިލްގެ ފްލުމިނެންސް، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ، ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ އޮޑީޝާއަށް ކުޅެފައިވާ ފޯވަޑެކެވެ.

ނިއު ރޭޑިއަންޓުން މެޗުގައި އިތުރު ދެ ގޯލްވެސް ޖެހި އިރު، އެ ގޯލްތައް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އަބްދުލާއި ބިލިޓީއެވެ.

ކަޕް ވިނާސް ކަޕްގައި މިރޭ މާޒިޔާ ސްޕޯޓްސް ކްލަބުން ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.