މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އާކޯޗަކަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފިއެވެ.

އުމުރުން 54 އަހަރުގެ ޓްރުޗާ އެމަގާމަށް ހަމަޖެއްސިކަން މާޒިޔާއިން ވަނީ ޔަގީން ކޮށްދީފައެވެ. ޓްރުޗާ ވަނީ މީގެ ކުރިން މެލޭޝިއާއާއި އިންޑޮނޭޝިއާ ލީގުގައިވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ ވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކަސާ އަދި މެލޭޝިއާގެ ޕެނަންއާއި ކެލަންޓަން ޔުނައިޓެޑަށް ކޯޗުކޮށްދީފައެވެ.

ދެ ފަހަރެއްގެ މަތިން ކެންޏާގެ އޭފްސީ ލެޕާސްއަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ ބޮޓްސްވާނާގެ ޓައުންޝިޕް ރޯލާސް އާއި އޮރާޕާ ޔުނައިޓެޑަށް ވެސް އިރުޝާދުދީފައެވެ. ދެކުނު އެފްރިކާގެ އެފްސީ ކޭޕް ޓައުންގެ ޔޫތު ޓީމަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ، ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލްޒެންގެ އެސިސްޓަންޓް ކޯޗަކަށްވެސް މަސައްކަތްކޮށްފައެވެ.

ބަދަލުތަކަކާއެކު މާޒިޔާއިން ސީޒަނަށް ތައްޔާރުވަމުންދާ އިރު، ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗަށް އެޓީމުން ނުކުތީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒޭރު (ކޮއްކޮ) އާއި އިބްރާހިމް ސައީދު (ކަކާ)ގެ އިރުޝާދުގެ ދަށުންނެވެ. ޕެނަލްޓީ ޖަހައިގެން އެމެޗުގައި މާޒިޔާއިން ވަނީ ނިއު ރޭޑިއަަންޓް ބަލިކޮށްފައެވެ.

ޓްރުޗާގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅޭ ފުރަތަމަ މެޗަކަށްވާނީ، 18 އަހަރަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް އެނބުރިއައި ކަޕް ވިނާސް ކަޕްގައި މިރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ބައްދަލުކުރާ މެޗެވެ.