މާލޭ ސިޓީ ހިމެނޭ، މާލެއާއި ހުޅުމާލޭގައި ދުއްވާ އެއްގަމު އުޅަނދު ފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން އުނިކޮށް، ދައުލަތުގެ ބަޖެޓުގައި ހިމަނަިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު އެދިވަޑަައިގެންފިއެވެ.
މިނިސްޓަރު އެކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަންގޮޅީ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސުވާލު ކުރެއްވީ، މާލޭ ސިޓީގައި ދުއްވާ ވެހިކަލްތަކުގެ އަހަރީ ފީއަށް އެންމެ ފަހުންވެސް ސިޓީ ކައުންސިލްގެ ބަޖެޓަށް 130 އާއި 140 މިލިޔަން ރުފިޔާއާ ދޭތެރެގެ އަދަދެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް މާލޭ ސިޓިގެ މަގުތައް ރަނގަޅު ކުރުމުގެ ވިސްނުމެއް ސިޓީ ކައުންސިލްގެ ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސުވާލު ކުރެއްވީ މާލޭ ސިޓީގެ މަގުތައް ހެދުމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯއެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެއާއި މާލެ ހިމެނޭ ގޮތުން، މާލޭ ސިޓީގައި ދުއްވާ ހުރިހާ ވެހިކަލެއްގެ އަހަރީ ފީ ލިބެނީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ. އެގޮތުން އަހަރަކު 150 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ލިބޭކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މާލޭ ސިޓީގެ މަގު ހެދުމަކީ އެބޭފުޅުންގެ މައްޗަށް މަތިވެފައި އޮތްކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ކުޑަމިނުން ސަރުކާރުން ތާރު އަޅައިފަ އޮންނަމަގެއް ކަނޑާލައިފަ އެތަން ހަލާކުކޮށްލައިފަ ދާއިރުގައި އެތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީއެއްވެސް ނެތް. އަޅުގަޑުމެން ދަންނަަވައިފިން އުސޫލެއް، ސްޓޭންޑެޑެއް ހަދައިފަ ފޮނުވަން، މަގު ކަނޑައިފިއްޔާ ކަނޑަންވާނީ މިހެންނޭ، މަރާމަތު ކުރަންޏާ މަރާމާތު ކުރަންވާނީ މިހެންނޭ،" މުއްތަލިބު ވިދާޅުވިއެވެ.
ނަމަވެސް އަހަރަކު 150 މިލިޔަން ރުފިޔާ ލިބޭއިރު މަގު މަރާމާތު ކުރުމަށް ތާރު ކައްކައިފަ އެޅޭ ވަރުގެ ކެޕޭސިޓީވެސް ސިޓީ ކައުންސިލްގައި ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކެޕޭސިޓީ ބިލްޑް ނުކުރަނީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުން. އެ ފައިސާ ދަނީ ކޮންތާކަށްތޯ ބަލަން އެބަޖެހޭ. ސަރުކާރުން މިޖެހެނީ އަމީނީ މަގު ހަލާކުވީމަ އަމީނީ މަގު ހަދަން، ބޭރުމަގު ހަލާކުވީމަ ބޭރުމަގު ހަދަން އަދި ކައުންސިލުން ހުއްދަ ދީގެން ތަނެއް ކަނޑައިފި ކަމަށްވަންޏާ އެތަނެއް ހަދަންވެސް މިޖެހެނީ އަޅުގަނޑުމެނަށް. އަޅުގަނޑުމެންގެ މިނސްޓްރީ އަކީ އެގޮތަށް މަރާމާތު ކުރުމަށް އޮންނަ މިނިސްޓްރީއެއް ނޫން އެއީ ޕްރޮޖެކްޓް ހިންގާބައެއް" މުއްތަލިބު ވިދާޅުވިއެވެ.
ނަމަވެސް މަގުތައް ހަލާކުވެ ރައްޔިތުންނަށް އުނދަގޫވާންފަށާ ކޮންމެ ފަހަރަކު ޕްރޮޖެކްޓެއް ހަދައިގެން އެކަން ކުރަން ޖެހެނީ މިނިސްޓްރީއަށްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ސިޓީ ކައުންސިލަށް އެ 150 މިލިޔަން ލިބެންޖެހޭނެ ކަމަކަށް. އަޅުގަނޑު އެދެނީ އެބައި މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން އުނިކޮށްފަ ސަރުކާރު ބަޖެޓަށް ލިބޭނެގޮތް ހަދައިދިނުން. އޭރުން އަޅުގަނޑުމެންނަށް މަގުގެ މަޝްރޫއުތަައް ކުރިއަށް ގެންދެވޭނެ،" މުއްތަލިބު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް