އައްޑޫގެ ރަށްތައް ގުޅުވައިދިނުމަށް ގާއިމުކުރާ ލިންކްރޯޑްގެ މަސައްކަތް، މިހާރު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ބަދަލުގައި އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް އަވަސް ކުރަން މަސައްކަރް ކުުރަމުން އަންނަކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލިންކްރޯޑްގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ވީހާވެސް ހަރަަދުކުޑަކޮށް ކުރިއަށް ގެންދަން ކަމަށެވެ. އެކުންފުންޏަށް މެޝިނަރީ ވެސް ހޯދި ކަމަށާއި، އެ މަގު ސާފުކުރުމުގެ މަސައްކަތް އާރްޑީސީން ކުރިއަށް އެބަ ގެންދާ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އައްޑޫ ރައްޔިތުން ބޭނުންވަނީ އެ މަގުގައި ތާރު އަޅައި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހަދަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަން، މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެހެން މަސައްކަތްތައް އާރްޑީސީގައި ބަހައްޓާފައި ލިންކްރޯޑްގެ ބައި އަވަސްކުރެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫގެ މޭޔަރަކަށް އަދި ފަހުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރު އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ ބޮޑު މަޝްރޫއުގައި ލިންކް ރޯޑް ހިމަނާފައި ނުވާތީ މިނިސްޓަރު، އޭނައަށް މިއަދު ފާޑުވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއް ހެދި އިރު "ލިންކް ރޯޑް ގައި އަތްލާފައި ނެތް" ކަމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. މަގު ހެދުމުގެ މަޝްރޫއުގައި ލިންކް ރޯޑް ނުހިމެނީ ކީއްވެތޯ އޭނާ ތަކުރާރުކޮށް ސުވާލުކުރެއްވިއެވެ. ލިންކް ރޯޑް އެވަރަށް ހަލާކުވެގެން ދިޔަ އިރު އައްޑޫ ސިޓީކައުންސިލުން ކުރީ ކީއްތޯ ވެސް މިނިސްޓަރު އެއްސެވިއެވެ.