އެމެރިކާޔާއި އީރާނުގެ ޑިޕްލޮމަސީގެ ތެރެއަށް ސައޫދީއަރަބިޔާ މިހާރުވަނީ ވަދެފައެވެ. ސއޫދީއަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ހުސްވި ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި ހަނގުރާމަ ހުއްޓައިލުމަށް އިލްތިމާސް ކުރައްވައިފައެވެ. ޕްރިންސް މުހައްމަދު ވަނީ ސައޫދީ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިންސަލްމާނު އެމެރިކާއަށް ފޮނުއްވައިފައެވެ. ނާއިބުރައީސް ޖޭޑީ ވޭންސާއެކު އޭނާ ވަނީ ސުލްހަ ގާއިމުކޮށް ޑިޕްލޮމަސީއަށް ޖާގަދިނުމާމެދު ވަރަށް ދިގުކޮށް މަޝްވަރާ ކުރައްވައިފައެވެ. ޕްރިންސް ޚާލިދު ވޮޝިންޓަނަށް ވަޑައިގެންނެވީ ޕްރިންސް މުހައްމަދުގެ ފަރާތުން ސުލްހައިގެ ވަރަށް މުހިންމު ހުށައެޅުންތަކަކާވެސް އެކުގައެވެ. މި މަސައްކަތް މިހެން ހިނގައިގަތުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަސްމަގާއި ރާގަށް އަނެއްކާވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހަމަލާތައް މެދުކަޑާލައި މަޝްވަރާޔަށް ޖާގަދެނީއޭ ބުނެ ހިސާބެއްގެ މައިތިރިކަމެެއް ވަނީ ފާޅުކުރަން ފަށައިފައެވެ.
އެމެެރިކާޔާއި އީރާނުގެ ހަގުރާމަ ހުއްޓުވައި ގަލްފުގައި ސުލްހަ މަސަލަސްކަން ގާއިމުކުރެވޭތޯ ސައޫދީއަރަބިޔާއިން އިސްވެ މަސައްކަތްތަކެއް ފެށުމުގައި ވަރަށް މުުހިންމު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ސައޫދީއަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިންސަލްމާން ވަނީ އެގައުމުގެ ކުރިމަގާއި ތަރައްގީއާ ގުޅިފައިވާ ބިޔަ ވަރަށް ގިނަ މަޝްރޫއުތަކެއް އިއުލާނު ކުރައްވައިފައެވެ. އެ މަޝްރޫއުތަކަށް ފަންޑު ކުރެވޭނީ އިގްތިސާދީ ގޮތުން ސައޫދީއަރަބިޔާގެ ހާލަތު ބަރާބަރު ވެގެންނެވެ. އެ ހާލަތު ބަރާބަރުވާނީ ތެލުގެ އިންޑަސްޓްރީއަށް ލޮޅުމެއް ނާރައި ސަލާމަތުން އޮވެގެންނެވެ. އެސަލާމަތްކަން ގުޅިފައިއޮތީ ސައޫދީ ތެލުގެ ކާރުޚާނާގެ މަރުކަޒުތަކަށް އެއްވެސް ބަޔަކު ހަމަލަނުދިނުމާއެވެ. ހޮރުމުޒް ކަނޑުއޮޅިޔާއި ބާބުލްމަންދިބު ކަނޑުއޮޅި ބަންދު ނުވެ ސައޫދީއަރަބިޔާގެ އެކްސްޕޯޓް ބަރާބަރަށް ބޭރުކުރެވިގެންނެވެ. އީރާނުގެ ހަނގުރާމަ ފުޅާވަމުން ފެތުރެމުންދާ ވަރަކަށް ސައޫދީއަރަބިޔާއަށް ދާނީ ބިރުވެރިކަން ފެތުރެމުންނެވެ.
އީރާނަށް ތާއީދުކުރާ އިރާގުގެ ހަނގުރާމަވެރިން މިހާރުވެސް ވަނީ ސައޫދީއަރަބިޔާގެ އިރުމަތީ ބިތުގައި ގާއިމުކުރެވިފައިވާ ތެޔޮސާފުކުރާ ތަންތަނަށް ހަމަލަދޭން ފަށައިފައެވެ. ހަމަ އެބީދައިން ޔަމަނުގެ ހޫސީންވެސް ވަނީ ސައޫދީއަރަބިޔާގެ ދެކުނުބިތުގައިވާ ތަންތަނަށް ދޭތެެރެދޭތެރެއިން ހަމަލަދޭން ފަށައިފައެވެ. ހޫސީންނަކީވެސް އީރާނަށް ތާއީދުކުރާ ބައެކެވެ. މީގެ އިތުރަށް ސައޫދީއަރަބިޔާގައި އެމެރިކާގެ ސިފައިން ގާއިމުވެގެން ތިބޭ މަރުކަޒުތަކަށް އީރާނުންވެސް ދަނީ ދޭތެރެދޭތެރެއިން މިސައިލާއި ޑްރޯނުން ހަމަލަދެމުންނެވެ. މިކަންކަމާހެދި ސައޫދީއަރަބިޔާގެ އިގްތިސާދީ ދުވެލި މަޑުޖެހި ޕްރިންސް މުހައްމަދު ބިންސަލްމާނު ފައްޓަވާފައިވާ ބިޔަ މަޝްރޫއުތަކަށް ނޭދެވޭ އަސަރުތައް ވަނީ ފޯރަން ފަށައިފައެވެ. ހޮރުމުޒް ކަނޑުއޮޅިޔާއި ބާބުލްމަންދިބު ވަނީ ސައޫދީ ތެޔޮ ޓޭންކަރުތަކަށް ބަންދުވެފައެވެ. ހޮރުމުޒް ކަނޑުއޮޅި ބަންދުކުރީ އީރާނުންނެވެ. ބާބުލްމަންދިބަށް ހުރަސްއަޅަނީ ޔަމަނުގެ ހޫސީންނެވެ.
މިކަންކަން މިހެން ފުރޮޅެމުން ނުރައްކާވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ސައޫދީއަރަބިޔާވެސް އެއޮތީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. މިއީ ޕްރިންސް މުހައްމަދުގެ ވިޝަން ޓުވެންޓީ ތާރޓީއަށް ވަރަށް ބޮޑު ނުރައްކަލެކެވެ. އިންވެސްޓަރުން ހޯދުމުގައި ދިމާވި ވަރަށްބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން ސައޫދީ ތެލުގެ ކާރުޚާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އިންވެސްޓަރުންނަށް ޔަގީންކަންދީ ވިޝަން ޓުވެންޓީ ތާރޓީ ސަލާމަތްކުރުމުގެ މުހިންމުކަން ސައޫދީ ސަރުކާރަށް ނުހަނު ބޮޑެވެ. އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމުކުރުމަށް ސައޫދީއަރަބިޔާ އިސްވެއޮވެ ޚާއްސަ މަސައްކަތްތަކެއް ފަށަން ޕްރިންސް މުހައްމަދު ބިންސަލްމާނަށް މަޖުބޫރުވީ މިގޮތުންނެވެ. އެއްވެސް ކަމެއް ނުކޮށް ހިމޭނުން އޮތީމާ ސައޫދީއަރަބިޔާގެ ސަލާމަތާއި ރައްކާތެރިކަންވެސް ނުރައްކަލަށް ހުށައެޅި ހުރިހާ އުންމީދުތަކެއް ފެނަށް ހިނގައިދާނެކަން ޔަގީންވި ހިސާބުން ސައޫދީންގެ ޕޮލިސީއަށް އެއޮތީ ބޮޑު ބަދަލެއް ގެނެސްފައެވެ.
ސައޫދީއަރަބިޔާގެ މައްޗަށް އެމެރިކާގެ ނުފޫޒު އޮންނަ ބީދައިން އެމެރިކާގެ މައްޗަށް ސައޫދީންނަށްވެސް ވަރަށް ބޮޑު ނުފޫޒެއް އޮވެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން އެމެރިކާއަށް އެންމެ މުހިންމު ގައުމަކީ ނުވަތަ ބައިވެރިޔަކީވެސް ސައޫދީއަރަބިޔާއެވެ. އެމެރިކާގެ އިގްތިސާދު އޭގެ މައްޗަށް ބަރޯސާވެފައިވާ ޕެޓްރޯ ޑޮލަރުގެ ބާރު ދެމެހެެއްޓުމަށްޓަކައި ސައޫދީންގެ އެއްބާރުލުން އެމެރިކާއަށް ވަރަށް މުހިންމެވެ. އެހެންވީމާ ސައޫދީ ސަރުކާރުން އިލްތިމާސެއް ކުރީމާ އަޑުއަހަން އެމެރިކާއަށް މަޖުބޫރުވާނެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ މަވެތިކަން ކިތަންމެ ބޮޑަސް ސައޫދީއަރަބިޔާއިން ބަހެއް ބުނީމާ އެއަޑު އަހަން އޭނާއަށްވެސް މަޖުބޫރުވާނެއެވެ. ގަތަރާއި ބަހުރޭނު އަދި އޮމާނާއި ކުވޭތުން ބަހެއް ބުނުމާއި ސައޫދީން ބަހެއް ބުނުން ވަރަށް ތަފާތުވާނެއެވެ. ރައީސް ޓްރަމްޕުގެ ބަސްމަގާއި ރާގަށް މިހާރު އައިސްފައިވާ ބަދަލުގެ ސިއްރަކީ އެއީއެވެ. ސައޫދީންނަށް މުހިންމުވެގެން އުޅެނީ އެގައުމުގެ އަމިއްލަ މަސްލަހަތެވެ. އެމެރިކާއަށްވެސް މުހިންމުވެގެން އުޅެނީ އެމެރިކާގެ މަސްލަހަތެވެ.
އެމެރިކާޔާއި އީރާނުގެ ހަނގުރާމަ ނިމޭއިރު ގަލްފުގެ އަސްކަރީ އަދި ސިޔާސީ ތިލަފަތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. ހަނގުރާމަ ހުއްޓުވުމުގައި ދައުރެއް އަދާކުރާ ކޮންމެ ގައުމަކީ ކުރިމަގުގައި ސަރައްދީ ކަންކަމުގައި ބުރަދަންހުރި ގައުމަކަށް ވާނެއެވެ. މިކަން ސައޫދީންނަށް މިހާރު މޭރުން ވެއްޖެއެވެ. އެހެންވީމާ ސައޫދީންގެ އެއްމަގުސަދަކީ ގަލްފުގެ ސުލްހަ ފަރުމާކުރުމުގައި ސައޫދީންގެ ސީދާ ބައިވެރިވުމެއް އޮތުމެވެ. ސައޫދީންގެ މެދުވެރިކަމުގެ ދަށުން ގާއިމުކުރެވޭ ސުލްހައަކަށް އިހުތިރާމް ކުރުމާއި ސައޫދީން ޖާމިނުވާ އަހުދުނާމާއަކަށް އަމަލުކުރަން އެމެރިކާއަށްވެސް މަޖުބޫރުވާނެއެވެ. އެހެންނޫނީ މުޅި ގަލްފު އެމެރިކާއަށް ބަންދުވާތަން އަތުވެދާނެއެވެ. މިސަބަބާހެދި ސައޫދީއަރަބިޔާގެ މެދުވެރިކަމުގެ ދަށުން ފެށުނު ޑިޕްލޮމެޓިކް ހަރަކާތްތައް ކުރިން ފެނިފައިވާ އެންމެހައި ހަރަކާތްތަކާ ތަފާތުވާނެ ކަމަށް ހީކުރުމުގެ ފުރުސަތު އެބައޮތެވެ. ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތުވެސް ބޮޑެވެ.
އިމާދު ލަތީފު
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް