ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުނުތާ އަދި ކިރިޔާ ދެ ހަފުތާ ހަމަވަނީއެވެ. ދުނިޔޭގެ ފުޓްބޯޅަޔާއި ފީފާ މިވަގުތު އޮތީ ބޮޑު ހައިޖާނެއްގެ ތެރޭގައެވެ. މައްސަލަތައް އެންމެ ފުރަތަމަ ހިލިގަތީ ވޯލްޑްކަޕް ފެށެން ގާތްވެފައިވަނިކޮށެވެ. އެންމެފުރަތަމަ ސޮމާލިޔާގެ ރެފްރީއަކު އެމެރިކާއަށް ނުވައްދައި ބޭރުކޮށްލުމުންނެވެ. އެމެރިކާއިން ނިންމި ނިންމުމަށް ފީފާއިން ދެކޮޅެއް ނުހެދިއެވެ. އެމެރިކާގެ ފޯވާޑަކަށް ދެއްކުނު ރަތްކާޑު ރައީސް ޓްރަމްޕުގެ އެދުމަކަށް ފީފާއިން މާފުކޮށްދިނުމަކީވެސް ހައިޖާނު ބޮޑުވި ކަމެކެވެ. ހައިޑްރޭޝަން ބްރޭކްގެ ނަމުގައި ކޮންމެ ބާވީސް މިނިޓަކުން ބްރޭކެއް ނެގުމާއި ފައިނަލް މެޗުގެ އިންޓަވަލް ވަގުތު ޑަބަލްކުރުން ފަދަ ކަންކަމަކީވެސް ދުނިޔޭގެ ފުޓްބޯޅަޔާ ބެހޭ ގިނަބަޔަކު ދެކޮޅުހެދި ކަމެކެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. މިކަމަކާހެދި ފީފާގައި ހިމެނޭ ސަރަހައްދީ ކޮންފެޑެރޭޝަންތަކުގެ ތެރެއިން ބައެއް ކޮންފެޑެރޭޝަންތަކުގެ ވެރިން ވޯލްޑްކަޕްގެ ފައިނަލް މެޗު ބޮއިކޮޓް ކުރިއެވެ.

ފީފާގެ އެންމެ ބާރުގަދަ ކޮންފެޑެރޭޝަނަކީ ޔޫރަޕުގެ ފުޓްބޯޅަޔާބެހޭ އިދާރާ ޔުއެފާ ކަމަށްވާއިރު އެ އިދާރާގެ ވެރިޔާ އެލެގްޒާންޑަރ ކެފެރިން ވަނީ ފައިނަލް މެޗު ބޮއިކޮޓްކޮށްފައެވެ. ވޯލްޑްކަޕް ނިމުމަށްފަހު ދެން ފީފާގެ ރައީސް ޖިއާއްނި އިންފަންޓީނޯ މުޅި ދުނިޔެއަށް އިއުލާންކުރި އައު ހުށައެޅުމެއް ވެގެންދިޔައީ އެންމެ ބޮޑު ތޫފާން ކަމުގައެވެ. ބޮޑު ވިޔަފާރި ޖަމާއަތެއް ވުޖޫދުކޮށް ފީފާގެ ހުރިހާ މުބާރާތެއްގެ ރައިޓްސް އެޖަމާއަތަށް ދިނުމާއެކު މިދެންނެވި ޖަމާއަތުގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލާގެ މެންބަރުންނަށް ވިއްކުމަށް ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ނިންމައިފައެވެ. ވަރަށް ދިގު ވާހަކައެއް ވަރަށް ކުރުކޮށްފައި ލިޔަންޏާ ލިޔެވޭނީ ފީފާޔާއި ދުނިޔޭގެ ފުޓްބޯޅަ ޓްރަމްޕުގެ އާއިލާއަށް ވިއްކާލަން ނިންމީ ކަމުގައެވެ. ޚާއްސަކޮށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެވެ. މިނިންމުމާ ދެކޮޅަށް އެންމެ އަވަހަށް ތެދުވެގަތީ ޔޫރަޕެވެ. ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއެފާއެވެ. އެ ޖަމިއްޔާގައި 55 މެންބަރު ގައުމު ހިމެނެއެވެ.

ޔުއެފާގެ ބައްދަލުވުމެއް ބާއްވައި މިހުރިހާ ގައުމެއްގެ އިއްތިފާގުން ފާސްކުރީ ފީފާގެ ހުރިހާ މުބާރާތްތައް ބޮއިކޮޓް ކުރުމަށެވެ. ވޯލްޑްކަޕްގައި ޔޫރަޕުގެ އެއްވެސް ގައުމެއް ވާދަނުކުރުމަށެވެ. މި ނިންމުން ނިންމިއިރު އަދި ހަތަރު އަހަރު ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯސްޓްކުރާ ގައުމުތަކުގެ ތެރޭގައި ޔޫރަޕުގެ ދެ ގައުމެއް ހިމެނެއެވެ. އެއީ ސްޕޭނާއި ޕޯޗުގަލްއެވެ. ޔުއެފާއިން ވޯލްޑްކަޕް ބޮއިކޮޓް ކުރުމުގެ މާނަޔަކީ އެ ދެގައުމުންވެސް ވޯލްޑްކަޕް ދޫކޮށްލުމެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑެތި ބާރުތަކަކީ ޔޫރަޕަށް ނިސްބަތްވާ ގައުމުތައް ކަމުގައިވެފައި އެއިން އެއްވެސް ގައުމެއްނެތި ވޯލްޑްކަޕް ބޭއްވުމަކީ ހިތަށްވެސް ގެނެވޭ ކަހަލަ ކަމެއް ނޫނެވެ. އެހެންވެ ފީފާގެ ރައީސް ޖިއާއްނި އިންފަންޓީނޯ ވަނީ އޭނާގެ ހުށައެޅުން އަނބުރާ ގެންގޮސްފައެވެ. ކުރިން ދެއްކި ވާހަކަތަކަކީ ނުދައްކާ ވާހަކަތަކެއް ކަމުގައި ހަދައިފައެވެ. އިންފަންޓީނޯއަކީ ސުވިޒަރލެންޑު މީހެކެވެ.

ރައީސް ޓްރަމްޕުގެ އާއިލާއަށް ވޯލްޑްކަޕާއި ފީފާ ވިއްކައިލުމަށް އިންފަންޓީނޯ ނިންމި ނިންމުމާއި މި ނިންމުމަށް ތާއީދުކޮށްދޭމަތިން މެންބަރު ގައުމުތަކަށް ދޭން ހުށައެޅި ރިޝްވަތާ ދެކޮޅުހެދީ ޔުއެފާއާއި އެ ޖަމާއަތުގެ ރައީސް އެލެގްޒާންޑަރ ކެފެރިން އެކަންޏެއް ނޫނެވެ. އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން ކަމަށްވާ އޭއެފްސީއާއި އެޖަމާއަތުގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އާލްޚަލީފާވެސް ވަނީ ދެކޮޅު ހަދައިފައެވެ. އޭނާއަކީ ބަހުރައިނުގެ މީހެކެވެ. އެ ކޮންފެޑެރޭޝަނެއްގައި އެމެރިކާ ހިމެނޭ ކޮންފެޑެރޭޝަން ކަމަށްވާ ކޮންކަކަފާއި އެ ޖަމާއަތުގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީވެސް ވަނީ ދެކޮޅު ހަދައިފައެވެ. އޭނާއަކީ ކެނެޑާ މީހެކެވެ. މީން ކޮންމެ ކޮންފެޑެރޭޝަނެއްގެ ރައީސަކީ ފީފާގެ ނާއިބުރައީސެކެވެ. އިންފަންޓީނޯ ނިންމި ނިންމުމެއް ނިންމާފައިވަނީ މިއިން އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް، އެންގުމެއް ނެތިއެވެ. އާޚިރުގައި އޭނާއަށް ޖެހުނީ ނިންމުން ބަދަލުކުރާށެވެ.

ޔޫރަޕާއި އޭޝިޔާއާއި އެފްރިކާގެ ގައުމުތައް ނުހިމަނައި ފީފާއަށް ވޯލްޑްކަޕެއް ނުބޭއްވޭނެއެވެ. ކޮންމެއަކަސް އިންފަންޓީނޯގެ ނިންމުން އޭނާ އަނބުރާ ގެންދިއުމުން 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ނުބޭއްވިދާނެ ކަމުގެ ބިރު މިހާރުވަނީ ފިލައިފައެވެ. އެކަމަކު އިންފަންޓީނޯއަށް މަގާމުގައި ދެމިހުރެވިދާނެކަމުގެ ސުވާލު ވަނީ އުފެދިފައެވެ. ޔޫރަޕުގެ ގައުމުތަކުން ހަމަފާޅުގައި އިންފަންޓީނޯއަށް އިތުބާރު ނުކުރަމޭ ބުނަން ފަށައިފިއެވެ. އޭނާއަކީ ފީފާ ހިންގަން ހުންނަން ނުޖެހޭ މީހެއް ކަމަށް ބުނަން ފަށައިފިއެވެ. އުމުރުން 56 އަހަރުވީ އިންފަންޓީނޯ އެންމެ ފުރަތަމަ ފީފާގެ ރައީސްކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ކުރީގެ ރައީސް ސެޕް ބްލެޓަރގެ ކޮރަޕްޝަނުގެ ކަންތައްގަޑު ހިލި އޭނާ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އޭގެކުރިން ހަތް އަހަރު ފީފާގެ ޖެނެރަލް ސެކްރެޓަރީކަން ވަނީ ކޮށްފައެވެ. އެތައް އަހަރަކަށް ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމާއި ފީފާގެ ލީގަލް އެފެއަރޒް އާއި ކުލަބް ލައިސެންސިންގެ ޑިރެކްޓަރުކަންވެސް ކޮށްފައިވެއެވެ.

ފީފާގެ ގަވައިދު ބުނާގޮތުން އެ ޖަމިއްޔާގެ ރައީސްކަން ކުރެވޭނީ ގިނަވެގެން ތިން ދައުރުގައެވެ. ދައުރެއްގެ ދިގުމިނަކީ ހަތަރު އަހަރެވެ. ދެން އެންމެ އަވަހަށް ފީފާގެ ކޮންގްރެސް ބާއްވާނީ އަންނަ އަހަރުގެ މާރޗްގައެވެ. އެ އިންތިޚާބުގައި އިންފަންޓީނޯއަށް ކުރިމަތިލެވެއެވެ. ސަބަބަކީ އޭނާގެ ފުރަތަމަ ޓާރމަކީ ހަތަރު އަހަރުގެ ފުލް ޓާރމަކަށް ނުވާތީއެވެ. އިންފަންޓީނޯ ކުރިމަތިލިޔަސް ނުލިޔަސް އޭނާ ނުހޮވޭނެކަން މިހާރު ކަށަވަރެވެ. ފީފާގެ ރައީސްކަމަށް ދެން އައުން އެންމެ ގާތްކަމަށް ބެލެވެނީ ގަތަރުގެ ނާސިރު އަލްޚަލީފީއެވެ. އޭނާއަކީ ޔޫރަޕުގެ ޗެމްޕިއަން ކުލަބް ކަމަށްވާ ޕީއެސްޖީގެ ރައީސެވެ. އޭނާއަށް ޔޫރަޕުގެ ގިނަބަޔަކާއި އޭޝިއާގެ ތާއީދު އެބައޮތެވެ. ޔުއެފާގެ ރައީސް ސްލޮވީނިއާގެ އެލެގްޒާންޑަރ ކެފެރިންއަކީވެސް ފީފާގެ ރައީސަކަށް އަތުވެދާނެ ކަމަށް ހީކުރެވޭ މީހެކެވެ. އޭއެފްސީގެ ރައީސް ބަހުރައިނުގެ ޝައިޚު ސަލްމާނާއި ކޮންކަކަފްގެ ރައީސް ކެނެޑާގެ ވިކްޓަރ މޮންޓެގްލިއާނީ އާއި އެފްރިކާގެ ކޮންފެޑެރޭޝަން، ކެފްގެ ރައީސް ދެކުނު އެފްރިކާގެ ޕެެޓްރިސް މޮޓްސެޕޭއަކީވެސް ފީފާގެ ރައީސްކަމަށް ވާދަކުރާނެ ކަމަށް ގަބޫލުކުރެވޭ މީހުންނެވެ.