ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތ. ހިރިލަންދޫން އިއްޔެ ހައްޔަރުކުރި ދެ އަންހެނުންނާއި ފިރިހެން މީހާގެ ބަންދު ޖަހައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހިރިލަންދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އޭގެ ތެރޭގައި އެއްބަނޑު އެއްބަފާ ދެ އަންހެނުންވެސް ހިމެނެއެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުން

  • ރައީޝާ ހާލިދު، ބޯގަންވިލާ، ތ. ހިރިލަންދޫ 22އ
  • ފާތިމަތު އާރިޝާ، ބޯގަންވިލާ، ތ. ހިރިލަންދޫ 31އ
  • ލަހުފާން އަބްދުލް ލަތީފް، ބީޗް ހެވެން، ލ. މާމެންދޫ 21އ

މި މައްސަލައިގައި ހައްޔަރުކުރި ލަހުފާނަކީ ކުޑައިރުއްސުރެ ހިރިލަންދޫގައި ދިރިއުޅޭ މީހެކެވެ. އޭނާގެ މަންމައަކީ ހިރިލަންދޫ މީހެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ރައީޝާއާއި އާރިޝާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. އަދި ލަހުފާންގެ ބަންދަށް ވަނީ އަށް ދުވަސް ޖަހައިފައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ރައީޝާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލަހުފާނުއާއެވެ. އެނގިގައިވާ ގޮތުގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ލަހުފާން ހައްޔަރުކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުން އިއްޔެ ހެނދުނު ހައްޔަރުކުރީ ހިރިލަންދޫ ގެއެއް ބަލައިފާސްކޮށްގެންނެވެ.

އެ ރަށުން "ވަން" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި އެ ތިން މީހުންނަކީވެސް އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހިރިލަންދޫގެ ގެއެއް އިއްޔެގެ ވަގުތެއްގައި ބަލައިފާސްކޮށް 17.74 ގްރާމްގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.