މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު (އޭސީޕީ) މުހައްމަދު އާސިފް މަގާމުން ވަކި ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާ އަލުން އެ މަގާމަށް އައްޔަން ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ހައި ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ކްލަބުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި އާސިފަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ތަހުގީގުތަކެއް ހިންގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޝަނުގައި ބެހެއްޓިއެވެ. އެ މުއްދަތަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ރަސްމީކޮށް މަގާމުން ވަކިކޮށްފައެވެ.

އާސިފް ވަކިކުރަން ނިންމި ނިންމުން ގޯސްކަމަށް ބުނެ އޭނާ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން މިދިޔަ މޭ މަހުގެ 11 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ އޭނާ ވަކިކުރި އިޖުރާއަތްތައް ފުރިހަމަ ނޫން ކަމަށް ކަނޑައަޅައި، އޭނާ އަލުން މަގާމަށް އިއާދަކުރުމަށާއި މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން ކަރެކްޝަންސްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގެ ތެރެއިން ދައުލަތުން އެދުނު ގޮތަށް، ހައި ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެދީފައެވެ. އެ އަމުރުގައި ކަނޑައަޅާފައި ވަނީ ހައި ކޯޓުން އެ މައްސަލާގައި ފައިސަލާކުރަނިވި ގޮތަކަށް ގޮތެއް ނިންމަންދެން، ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މި މައްސަލަ ހައި ކޯޓުގައި މިހާރު ކުރިއަށްދާއިރު، އާސިފް މަގާމުން ވަކިކުރުމުގެ ކުރިން އޭނާގެ އަމަލުތަކާ ގުޅިގެން މުވައްޒަފުން ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.

އޭސީޕީގެ މަގާމަށް ޒަރީރު އައްޔަން ކުރީ 2019 ވަނަ އަހަރުއެވެ.