ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖީލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް އެ ޕާޓީން ރޭ ބުނެފިއެވެ.

އެ ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސްކުރުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ރޭ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ އެ ޕާޓީގެ މަތީ މަޖިލީހާއި ގައުމީ މަޖިލީހާއި ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބު ކުރާނެ ގޮތާއި އެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައް ވަރަށް ތަފުސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އެގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގެ ޗެޕްޓަރު -7 ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަތީ މަޖީލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓު ނެގުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ނޫން ކަމަށެވެ.

"ޕާޓީގެ މަތީ މަޖީލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖީލީހުގެ ކަންކަން ވިލެރެސް ކުރާ ކޮމިޓީން ނިންމި ކަމަށް ފަތުރަމުންދާ ހަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އެއީ ޕާޓީގެ އަސާސީ ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމެއްކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް, ޕާޓީގެ އާއްމު މެންބަރުންނާއި ނޫސްވެރިންނާއި އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މަތީ މަޖީލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތަށް، މިހާތަނަށް މި ޕާޓީގެ މަތީ މަޖީލީހުގެ ބައްދަލުވުންތަކުގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތަށެވެ،" އިތުރަށް ބުނެފައިވެއެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީންކަން އެ ޕާޓީގެ މެންބަރުންނަށް އަރުވައިފައެވެ.