އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެ ތާރީހުގައި ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ތާރީހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ތާއީދާއެކުގައެވެ.

މިރޭގެ ބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުން ލަސްކުރުމެއް ނެތި އިންތިހާބު ބޭއްވުމަށާއި، އިންތިހާބަކާ ނުލައި އެއްވެސް މެންބަރަކު ގައުމީ މަޖިލީހަށް އައްޔަނު ނުކުރެވޭ ގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅިއެވެ.

ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށް ހާއްސަ ކޮމެޓީއެއް އުފެއްދުމަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ނަމަވެސް، ރިޔާސަތުން ވިދާޅުވީ އެފަދަ ކޮމެޓީއެއް އެކުލަވާލުމުގެ ފުރުސަތު ޕާޓީގެ މިހާރުގެ އަސާސީ ގަވާއިދު ތަން ނުދޭ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ ކޮންގްރެސް ބޭއްވުން ވަނީ ލަސްވެފައެވެ.